English Edition
Dhivehi Edition
މަސްވެރިންތަކެއް މަސް ބާނަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ ތިން އަވަށެއްގައި ޤާއިމްކުރެވޭ “ގޭދޮށު މަސް ޕްލާންޓް” ޤާއިމުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އިއްޔެ ހެނދުނު 11:30ން ފެށިގެން 31 ޑިސެންބަރު ވާ އަންގާރަ ދުވަހުގެ މެންދުރު 12:00އާއި ހަމައަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ބިޑް ޑޮކިއުމެންޓް ލިބޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ ބީލަން ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 5 ޖެނުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައި ކަމަށާއި، ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އިއްޔެއިން ފެށިގެން 31 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 14:00 އާއި ދެމެދު [email protected] އަށް މެއިލްކޮށްގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.

އަދި އެ މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 31 ޑިސެންބަރުގެ ހަވީރު 16:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫގައި ޤާއިމްކުރެވޭ އެ މަސް ޕްލާންޓްތަކަކީ، އައްޑޫ ސިޓީގައި މަސް ޕްލާންޓްތައް ބަހައްޓައި، ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، އަގު އެއްކުރެވޭ ބާވަތްތައް އުފެއްދުމަށްޓަކައި ޤާއިމް ކުރެވޭ ޕްލާންޓްތަކެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެގޮތުން އެއިން ކޮންމެ މަސްޕްލާންޓެއް ޤާއިމުކުރެވޭނީ 20 ޓަނުގެ އައިސް އުފައްދައި 10 ޓަނުގެ މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ހިމެނޭ ގޮތަށެވެ. އެ މަސް ޕްލާންޓުތަކުން މަސް ކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމްޕެކް ކުރުމާއި ޕެކޭޖްކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. އެ މަސްޕްލާންޓުތައް ޤާއިމު ކުރުމުން 400 ޓަނާއި 800 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފަހިވެގެންދާނެ އެވެ.

މަސް ޕްލާންޓުތައް ތައްޔާރުކޮށް ހިންގަން ފެށުމަށް 6 މަސް ދުވަސް ހޭދަވާނެކަމަށް ލަފާކުރެވޭއިރު، ގޭދޮށު މަސް ޕްލާންޓަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ ޚާއްސަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަނެއް ބޭނުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި މަސްގަތުމާއި މަސް ޕްރޮސެސްކުރުމުގެ ވަސީލަތްތައް ރާއްޖޭގައި އިތުރުކުރުމާއި އަގު އެއްކުރެވޭ މަހުގެ އުފެއްދުންތައް އިތުރުކޮށް، ރައްޔިތުންގެ އާމްދަނީ އިތުރުކުރުމެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގެވުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުތަކުގައި ހިމެނޭ ގޭދޮށު މަސް ޕްލާންޓްތައް ޤާޢިމުކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫސިޓީގެ ހިތަދޫ، ހުޅުދޫ-މީދޫ އަދި މަރަދޫގައެވެ.