2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ދިމާވި ސުނާމީގެ ހާދިސާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކުރިމަތި ކުރެއްވި ވަރަށް ވަރުގަދަ އިމްތިޙާނެއް ކަމަށާއި، އެ އިމްތިޙާނުން ޙާސިލްވި އެންމެ މަތިވެރި އިބުރަތަކީ ޤައުމީ އެއްބައިވަންތަކަމުގެ މުހިންމުކަން ކަމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.
ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން އެމްއާރުއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދުވަސް ފާހަގަކުރަމުންދާއިރު، ހިތަށް ގެންނަންވީ އެދުވަހު އެ ކާރިސާ އާއި ގުޅިގެން މުޅި ޤައުމަށް ވެރިވެފައި އޮތް ނާމާންކަމާއި ހިތްދަތިކަމާއި ކުރިމަތިލުމުގައި ދިވެހި ރައްޔިތުން ދެއްކެވި ހަރުދަނާ ޤައުމީ އެއްބައިވަންތަކަމާއި، އިސްލާމީ ވަރުގަދަ އަޤީދާއާއެކު ދިވެހިން ސާބިތުކޮށްދިން ކެތްތެރިކަމާއި ހިތްވަރުގަދަކަމާއި، ކިޔަމަންތެރިކަމާއި އިޚުލާސްތެރިކަން ކަމަށެވެ.
“މިކަން ކަމުގެ ނަތީޖާއަކަށްވީ އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަން ޖެހޭނެ ފަދައިން، އެދުވަހު ޙާލުގައި ޖެހުނު އަޚުންނާއި އުޚުތުންނަށް ބޭނުންވި އެހީތަށް ހަމަ ވަގުތުން އެފަރާތްތަކަށް ފޯރުކޮށްދިނުމެވެ. އަދި އެކަމުން ލިބުނު ގެއްލުންތައްބަލާ ފުރިހަމަ ރޭވުންތަކާއެކު އެކަންކަން ރަނގަޅު ކޮށްދެއްވުމެވެ.”، އެ ބަޔާނުގައި ވެއެވެ.
“2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ދިމާވި ސުނާމީގެ ހާދިސާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ކުރިމަތި ކުރެއްވި ވަރަށް ވަރުގަދަ އިމްތިޙާނެކެވެ. އެއިމްތިޙާނުން އަޅުގަނޑުމެންނަށް ޙާޞިލްވި އެންމެ މަތިވެރި އިބުރަތަކީ ޤައުމީ އެއްބައިވަންތަ ކަމުގެ މުހިންމު ކަމެވެ. ޤައުމަށް ދިމާވާ ބޮޑެތި ކަންތައް ތަކުގައި ސިޔާސީ ފިކުރު ތަކާއި ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރާއި ރައްޔިތުންގެ އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބޭނުންތެރި ކަމެވެ.”، އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްއާރުއެމް އިން ވަނީ ޤައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ޤައުމީ އެއްބައިވަންތަކަމަށް އިސްކަން ދިނުމަށާއި، ދިވެހިންގެ އިސްލާޙީ ޙަރަކާތްތަކަކީ އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު މަޝްވަރާކޮށްގެން ކުރާ މަސައްކަތްތަކެއް ކަމުގައި ހެދުމަށާއި، މާޒީގެ ޢިބުރަކުން ލިބިފައިވާ ފިލާވަޅުތައް މުސްތަޤުބަލު ބިނާކުރުމުގައި ބޭނުންކުރުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައިފަ އެވެ.