English Edition
Dhivehi Edition
ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަހުމަދު އަފްޒަލުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެއް - ފޮޓޯ: ރައީސް އޮފީސް

ބަންޑާރަ ނައިބުގެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސޮފްޓްވެއަރއެއް ތައްޔާރުކުރުމަށްޓަކާ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތުގައި ނިމިފައިނުވާތީ އާއި ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ކުންފުނިން ސްފްޓްވެއަރ ތައްޔާރުކޮށްފައިނުވާތީ، އެ މަސައްކަތަށް ޚަރަދު ކުރި ފައިސާ ހޯދުމަށް ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ބަންޑާރަ ނައިބުގެ އޮފީހުން އިއްޔެ ސިވިލް ކޯޓުގައި ދަޢުވާ އުފުލައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ކޭސް މެނޭޖުމަންޓް ސިސްޓަމް ސްފްޓްވެއަރއެއް ޑިވެލޮޕްކުރުމަށް އެ އޮފީހުން ޕްރޮޕޯސަލެއް ތައްޔާރުކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާ އެކު 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބައްދަލުކޮށް، އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށާއި، އެއަށްފަހު އެ އޮފީހުން ހުށަހެޅި ޕްރޮޕޯސަލަށް ބިނާކޮށް، ކޭސް މެނޭޖްމަންޓް ސިސްޓަމެއް ތައްޔާރުކުރެވިދާނެ ކަމާއި އެ ސްފްޓްވެއަރގައި ހުންނާނެ ސިފަތައް ބަޔާންކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން 21 ޖޫން 2017ގައި އެ އޮފީހަށް ޕްރޮޕޯސަލެއް ހުށަހެޅި ކަމަށެވެ.

އަދި ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ޕްރޮޕޯސަލްގެ މަސައްކަތަށްވާ ފައިސާ ހަމަޖައްސައިދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުން 29 އޮގަސްޓް 2017 ޓޫރިޒަމް މިނިސްޓްރީގައި އެދުމުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް)ގެ ޕްރޮޖެކްޓެއްގެ ގޮތުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ) އިން ވަނީ މަސައްކަތުގެ އަގަށްވާ ފައިސާ އެކީ އެއްފަހަރާ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައި ކަމަށާއި، ވަކި މުއްދަތުތަކަށް ބަހާލައިގެން ފްރީ ނެޓް މޯލްޑިވްސްއަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްގައި އެއްބަސްވެފައި ވަނިކޮށް، އެމް.އައި.ޓީ.ޑީ.ސީ އިން އެ ކުންފުންޏަށް އެކީ އެއްފަހަރާ ފައިސާ ދެއްކާފައި ވަނީ 21 ޑިސެމްބަރ 2017ގައި ކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރެއެވެ.

މީގެ އިތުރުން ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން އެ އޮފީހަށް ހުށަހެޅި ޕްރޮޕޯސަލްގައި ބުނެފައި ވަނީ 4 (ހަތަރު) މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށާއި، ނަމަވެސް ކަނޑައެޅި މުއްދަތުގައި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުން، މަސައްކަތް ނިންމުމަށް އިތުރު މުއްދަތު އެކި ފަހަރު މަތިން ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް އެ އޮފީހުން ދީފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފައެވެ.

އަދި އެ މަސައްކަތް ނިންމައި، ހަވާލު ކުރަންޖެހޭ އެންމެ ފަހު ތާރީހު ކަމުގައިވާ 25 ޖުލައި 2019 އަށް ވެސް، ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ކުންފުންޏަށް ސްފްޓްވެއަރ ތައްޔާރު ކުރެވިފައެއް ނުވާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އެއްބަސްވެފައިވާ ގޮތަށް ކޭސް މެނޭޖުމަންޓް ސިސްޓަމް ސްފްޓްވެއަރ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް ތައްޔާރުކުރެވިފައި ނުވާތީ، އެ މަސައްކަތަށް ޚަރަދު ކުރަންޖެހުނު /-53,826.80 USD (ފަންސާސް ތިންހާސް އަށްސަތޭކަ ސައްބީސް ޑޮލަރާއި އަށްޑިހަ ސެންޓް) ދައުލަތަށް ދެއްކުމަށް ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވާނެ ކަމަށެވެ.

މީގެއިތުރުން، އެ މުޢާމަލާތާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަން ތަޙުޤީޤުކޮށްދެއްވައި، ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައިވެސް އެދިފައިވާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަކީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަޙްމަދު އަފްޒަލްގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެކެވެ.