English Edition
Dhivehi Edition

ކެރެލާގެ މަޝްހޫރު” ތައްކަރަމް” ރެސްޓޯރަންޓްގައި 4 އަންހެން ރޮބޮޓުން ގެންގުޅެން ފަށައިފިއެވެ. މިއާއެކު މިތަން ވެފައި ވަނީ ކެރެލާ ސްޓޭޓްގައި ފުރަތަމަ ހުޅުވުނު ރޮބޮޓް ރެސްޓޯރަންޓްގެ ގޮތުގައެވެ.

ޢާއްމުންނާއި ގާތްގުޅުމެއް އުފެއްދުމުގެ ގޮތުން ރޮބޮޓް ތަކަށް ވަނީ ތާރާ،އާނާ،ސީބާ އަދި ސުޒީ ގެ ނަމުން ނަން ދެވިފައެވެ.

ކަސްޓަމަރުންނަށް މަރްޙަބާ ކިއުމުގައި ތާރާ ޙަރަކާތްތެރިވާއިރު އާނާ އާއި ސީބާ އަދި ސުޒީ ގެ މަސައްކަތަކަށް ވެފައި އޮންނަނީ މެނޫ ނެގުމާއި ތައްޓާއި ކާނާ ގެނެސް ކަސްޓަމަރުންނަށް ސާވް ކޮށްދިނުމެވެ.

” އެންމެ ބޮޑު މަޤްސަދަކީ ރެސްޓޯރަންޓަށް ކަސްޓަމަރުންގެ ޝައުޤު ވެރިކަން އުފެއްދުން . ރޮބޮޓް ތަކަކީ މުނިފޫހި ފިލުވުމުގެ އެންމެ ޙާއްސަ ބައިވެރިއަކަށް ވުމުން ކުޑަ ކުދީންވެސް ވަރަށް ލޯބި ޖެހިފައިވޭ. މީގެ ސަބަބުން ތަން މަޝްހޫރުވެގެން ހިނގައްޖެ.” ތައްކަރަމް ގެ ޖެނެރަލް މެނޭޖަރ އަސްލަމް ވިދާޅުވިއެވެ.

ޗައިނާގެ އުފެއްދުމެއް:

މިއިން ކޮންމެ ރޮބޮޓެއްގެ އަގަކީ އިންޑިއާގެ 8 ލައްކަ ރުޕީސް އެވެ. މިއީ ޗައިނާއިން އެތެރެކޮށްފައިވާ އެޤައުމުގެ އުފެއްދުމެކެވެ. ރޮބޮޓްތައް ކޮންޓްރޯލް ކުރަނީ އެކަމަށްޓަކައި ތައްޔާރު ކުރެވިފައިވާ އެޕްލިކޭޝަނަކުންނެވެ. ރޮބޮޓްތައް ދަތުރު ކުރަނީ ބިންމަތީ އަޅާފައިވާ ލޭޒަރ ޑަކްޓެއްގެ އެހީގައެވެ. މީހުންނާއި ގައިގޯޅިނުވެ ކުރިއަށް ދިއުމަށް އެހީ ވުމުގެ ގޮތުން ސެންސަރ ތަކެއް ހަރު ކުރެވިފައި ހުރެއެވެ.

 

މި ރޮބޮޓްތަކާއެކު ވަޒީފާތަކަކަށް ބަދަލެއް ނުގެނޭ

މިރެސްޓޯރެންޓްގައި ރޮބޮޓް ބޭނުން ކުރަންފެށީ އެއްވެސް ޙާލެއްގައި މުވައްޒަފުން މަދު ކުރާކަށް ނޫނެވެ. މެނޭޖްމެންޓުން ބުނާގޮތުގައި ވައިފައި އަށް ދިމާވާ މައްސަލަ އަކުން ނޫނީ ލޭޒަރ ޑަކްޓަށް ލިބޭ ގެއްލުމަކުން ވެސް މިރޮބޮޓް ތައް މަސައްކަތް ނުކޮށްފާނެއެވެ. އެފަދަ ދަނޑިވަޅެއް ގައި މުވައްޒަފުން މަދުކޮށްގެން ތަނަށް ލިބިދާނެ ގެއްލުމުން ފޫބެއްދޭނެ އެއްވެސް ގޮތެއް ނޯންނާނެތީ ތަނަށް ބޭނުންވާ އެއްވެސް މުވައްޒަފަކު އެމީހުން އުންޏެއް ނުކުރެއެވެ.

ކަސްޓަމަރުންގެ އިތުރު ކުރިއެރުމެއް.

ރޮބޮޓް ވެއިޓަރުންގެ ޚިދުމަތާއެކު މި ރެސްޓޯރަންޓަށް އަންނަ މީހުންވަނީ ހީނުކުރާހާ ގިނަ ވެފައެވެ. ޚާއްސަކޮށް ކުޑަކުދީންނާއި ޢުމުރުން ދުވަސްވީ މީހުން މާ ގަޔާވި ބަޔަކަށް ރޮބޮޓުން ވެފައިވެއެވެ. އެމީހުންނާއެކު ސެލްފީ ނެގުމަކީ މިތަނުގައި ޢާއްމުކަމެކެވެ.