English Edition
Dhivehi Edition

ރ. މަޑުއްވަރީގައި ދަރިފުޅަށް ވެކްސިން ދޭން މައިންބަފައިން ދެކޮޅު ހެދުމުން، އެކުއްޖާ މައިންބަފައިން އަތުން އަތުލައި ކުއްޖާގެ ބޮޑުދައިތައާ މިއަދު ހަވާލު ކޮށްފި އެވެ.

ފުލުހުން މިރޭ ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކުޑަކުދިން ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް ފުލުހުންގެ ހާޒިރުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝިއަލް ސަރވިސަސްގެ ފަރާތުން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަމަށް އިންކާރުކުރި އާއިލާއަކަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖަކު 20 ޑިސެމްބަރު 2019 ވަނަ ދުވަހު ފުލުހުންގެ އެހީތެރިކަމާއެކު މައިންބަފައިންގެ އަތުން ކުއްޖާ ނެގުމަށްފަހު ކުއްޖާގެ ބޮޑުދައިތައަށް ކުއްޖާ ހަވާލުކޮށްފައިވާކަމަށެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ‘އައްސޭރި’ ނަމުގައި ފުލުހުން ހިންގާ އޮޕަރޭޝަނުގެ ތެރެއިން މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ފުލުހުން ދަނީ މަޑުއްވަރީގައި ހަރަކާތްތެރި ވަމުންނެވެ. އެ އޮޕަރޭޝަނާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް މިރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިން ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް ޖެންޑަ މިނިސްޓްރީއިން ނަަސޭހަތް ދިނުމުންވެސް ނަސޭހަތް ގަބޫލު ނުކުރި ކަމަށެވެ.

މަޑުއްވަރީގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި އިއްޔެވެސް ވަނީ ވެކްސިން ދޭން އިންކާރު ކުރި އާއިލާއަކަށް ނަސޭހަތްދީ، އެމީހުން އެއްބަސްވުމުން ތިން ކުއްޖަކަށް ވެކްސިން ދީފަ އެވެ. އެއީ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާއި، ދެއަހަރުގެ ފިރިހެއް ކުއްޖެއްގެ އިތުރުން އެއް މަހުގެ އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ބުނެއެވެ.

މިއޮޕަރޭޝަން ގައި މިހާރު ވަނީ 3 މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް 10 ދުވަސް ޖަހާފައެވެ. މިއޮޕަރޭޝަންގައި ލިބިފައި ހުރި މައުލޫމާތުގެ އަލީގަ ކުޑަ ކުދިންނަށް ވެކްސިން ދިނުމާއި ތައުލީމުން މަހުރޫމް ކުރެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މިއީ އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.