English Edition
Dhivehi Edition

ޓެކްސީ ޑުރައިވަރު، ގާސިމް ހަސަނަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެ އެވެ.

ގާސިމްމަރާލިތާ ދެހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް މިރޭ ކޮމިޝަނަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރީ ފިރިހެނަކު ކަމަށާއި އެކަމާ ގުޅޭ ތަފްސީލް މާދަމާ ހާމަ ކުރައްވާނެ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރުގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ، މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ގާސިމް މަރައިލި މައްސަލަ ތަހުގީގު ކުރާ އޮފިސަރުންނާ މެދު ފަޚުރު ވެރިވެވަޑައިގަންނަވާކަމަށެވެ.

 

އދ މާމިގިލީ ޢުމުރުން 59 އަހަރުގެ ގާސިމްގެ ކަރަށް، ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނިކޮށް ފެނިފައިވަނީ ހުޅުމާލޭ ރީތިގަސް މަގުންމި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 9:07 ހާއިރުއެވެ.

ގާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި އޭނާގެ ޓެކްސީ ވެސް ބާއްވާފައި އޮތެވެ.

ގާސިމް މަރާލަން ބޭނުންކުރި ހަތިޔާރު ފެނިފައި ވާ ކަން މީގެ ކުރިން ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ. ހަތިޔާރު ފެނިފައިވަނީ އޭނާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދާ 300 މީޓަރު ދުރުން ގަސްތަކުގެ ތެރެއިންނެވެ.