ރ. މަޑުއްވަރީގައި ހައްދުފަހަނަ އަޅާފައިވާ ފިކުރު ފަތުރާ ބޮޑުން ހޯދުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މީހަކު ހައްޔަރުކޮށްފި އެވެ.
ސިފައިންނާއި ފުލުހުން ގުޅިގެން މަޑުއްވަރީގައި މިހާރު ކުރިޔަށް ގެންދާ ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ ، މިހާތަނަށް އެ އޮޕަރޭޝަންގެ ތެރެއިން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މީހާ އާއި ބެހޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައިނުވާއިރު އޭނާ ހައްޔަރުކުރި ސަބަބުވެސް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގެންގުޅުމާއި ހައްދުފަހަނަ އަޅާ ދިޔުމުގެ ފިކުރު ފަތުރާ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން މަޑުއްވަރީ ގެތަކަށް ވަދެ ބަލާ ފާސް ކުރަމުން އަންނައިރު ފުލުހުން ބުނެފައި ވަނީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް، އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ. “މިފަދަ ޢަމަލުތައް ހިންގާ ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމަޢު އާއި ވަކިކޮށް، ކުޑަކުދިންނަށް ޞިއްޙީގޮތުން ދިނުމަށް ލާޒިމު ކުރާ ވެކްސިން ނުދީ، ތަޢުލީމް ޙާޞިލްކުުރުމުގެ ހައްޤުން މަޙުރޫމުކޮށް، ކުޑަކުދިން މީހުންނާއި ކައިވެނިކޮށް ކަމަށް ބުނެ މި ކަންކަން ހިންގާ ގެތަކުގައި ބަންދުކޮށްގެން ގެންގުޅުމާއި، ދަރިމައިވުމާއި އުފަންވަނިވި ޞިއްޙަތާއި ގުޅުންހުރި ޞިއްޙީ އިންތިޒާމު ތަކާއި، ހައްޤުތަކުން އަންހެނުން މަޙުރޫމުކޮށް އެފަދަ އަންހެނުންގެ ފުރާނައާއި ޞިއްޙަތަށް ނުރައްކާވާފަދަ ޙާލަތަކަށް ހުށަހެޅިފައިވާކަމަށް ލިބެމުންދާ މަޢުލޫމާތުތަކާއި ގުޅިގެން ހިންގާ އޮޕަރޭޝަނެއް”ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ އޮޕަރޭޝަންގެ ބޭނުމަކީ އެ ކަންކަން ހިނގަމުންދާ ކަމަށް ފާހަގަ ކުރެވޭ ގެތައް ބަލާ ފާސްކޮށް އެފަދަ އަމަލުތައް ހިންގުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދައި ދެނެގަނެ އަންހެނުންނާއި ކުޑަކުދިން ހާލަތު ބަލައި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުންކަމަށެވެ.