ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސާ މަރިޔަމް ވަހީދާ ސަރުކާރުގެ އިވެންޓެއް ހުށައަޅައި ދިނުމުން އިދިކޮޅުން ފާޑު ކިޔައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އަލަށް ހުޅުވާލާ ރަށްތަކާއި ރޭ ބޭއްވި “ބުރަބި” ހަފްލާ ހުށަހަޅައި ދެއްވީ ބްރޯޑްކޮމްގެ ރައީސް ކަމަށް ދާދިފަހުން އިންތިހާބުކުރެއްވި ތަޖުރިބާކާރު ޕްރެޒެންޓަރު މަރްޔަމް ވަހީދާ އެވެ. ޝޯ ހުށަހަޅައި ދެއްވަވަމުން މަރީ ވަނީ ޓުއަރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި އެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ތައުރީފުކުރައްވަވާފައެވެ.
މިކަމާގުޅިގެން ބްރޯޑުކާސްޓިން ކޮމިޝަންގެ މިނިވަންކަމާއި މެދު ސުވާލު އުފައްދަވަމުން، އިދިކޮޅު ޕީއެންސްއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މިނިވަން މުއައްސަސާގެ ރައީސަކަށް ހުންނެވި ބޭފުޅަކު ސަރުކާރުގެ ޝޯއެއް ހުށަައަޅައިދިނުމުން އެ މުއައްސަސާގެ މިނިވަން ކަމާއި މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭ ކަމަށެވެ.
ކުރީ ސަރުކާރުގައި، ބްރޯޑްކޮމް މެމްބަރުން އޭރުގެ ސަރުކާރުން ބާއްވާ ހަފްލާތަކުގައި ގައްޔާއި ސަރުކާރަަށް ތާއިދު ހޯދުމުގެ ގޮތުން ބޭއްވި ކެމްޕޭނު ތަކުގައި ބައިވެރިވާތީވެ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ފާޑުކިޔާތީވެ އެކަމަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، މިހާރު ސަރުކާރުންވެސް ކުރަމުންދަނީ ހަަމަ އެކަން ކަމަށެވެ.
އެގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އުމުރުން ދުވަސްވީ މީހުންނާ ރައީސް ބައްދަލުކުރައްވަން ރައީސް އޮފީހުން ރަސްފަންނުގައި ބޭއްވި ހަފްލާއެއްގައި، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެމްބަރު ފާތުމަތު ޒޭނާ ގޮނޑިޖަހަން އުޅުއްވާ މަންޒަރު މީޑިއާއެއްގެ ކެމެރާތަކަށް އަރައި ބްރޯޑްކޮމް އަކީ މިނިވަން މުއައްސަސާއަކަށް ވާއިރު، އެ މުއައްސަސާގެ މެމްބަރަކު ސިޔާސީ ޕާޓީއެއްގެ ނުވަތަ ސަރުކާރުގެ ހަރަކާތެއްގައި އުޅުމަކީ އޭނާގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެ އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެންމެ ފަހުން އިދިކޮޅު ފަރާތްތަކަށް ބާރު ލިބުމާ އެކު އެ ތުހުމަތައް ވެސް އަޅުވައި ކޮމިޝަންގެ ނައިބަކަށް ހުރި ޒައިނާ ވަނީ މަޖިލީހުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށްފަ އެވެ.
މިހާރު އެމްޑީޕީ އޮތީ ވެރިކަމުގަ އެވެ. ޕީޕީއެމް އޮތީ އިދިކޮޅު ޕާޓީގެ ގޮތުގަ އެވެ. ނަމަވެސް ރޭ ފެނިގެން މިދިޔައީ ހަމަ ދާދި އެއް މަންޒަރެކެވެ.
“މިހާރު ބްރޯޑްކޮމް ހިނގަނީ މިނިވަންކޮށްތޯ؟ ބްރޯޑްކޮމް މިއޮތީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ނޫންތޯ؟” މިކަމާ ގުޅިގެން ކުރެއްވެވި ޓުވީޓުގައި މެމްބަރު ޝަރީފް ވިދާޅުވެފައެިވެއެވެ.