English Edition
Dhivehi Edition

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ، ބްރޯޑްކޮމް ގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ތިން ދުވަހަށް ސަސްޕެންޑުކޮށްފި އެވެ.

ބްރޯޑްކޮމްގެ އިދާރީ ހިންގުމުގެ އިސްވެރިޔާ ސަސްޕެންޑު ކުރިއިރު، އެ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް މުވައްޒަފުންތަކެއް މިިދިޔަ ހަފުތާގައި ވަނީ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ މުވައްޒަފުން ބުނެފައިވަނީ ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސް އެޅޭގޮތަށް ކޮމިޝަން ރައީސް ސޮފާ ޝަފީގާއި ބައެއް ބައެއް މެމްބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ ހުރިހާ ކަމަކާ އަދި ވަކި ހުދޫދެއް ނެތި އިދާރީ އޮނިގަނޑަށް އިހުތިރާމް ކުރުމެއް ނެތި ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަމުންދާ ކަމަށެވެ.

ޒީނިޔާ ސަސްޕެންޑުކޮށްފައިވަނީ މެއި 21 އިން ފެށިގެން ތިން ދުވަހަށެވެ. އަދި، އެ މުއްދަތުގައި ލިޔުމުން ޖަވާބުދާރީވުމަށް ވެސް އޭނާއަށް އަންގައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޒީނިޔާގެ ސަސްޕެންޑުކުރަން ކޮމިޝަނުން ނިންމިއިރު، އޭނާ މުވައްޒަފަކާ މެދު އަމަލުކުރުމުގައި ގަސްތުގައި އަނިޔާވެރިވެ، މަގާމުގެ ބޭނުން ނުހައްގު ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލައިފައި ވެއެވެ. އަދި ބްރޯޑްކޮމްގެ ރައީސް ޞަފާ ޝަފީގްއާ މެދު އިޙުތިރާމު ކުޑަކޮށް، އަމަލީ ގޮތުން އެކަން ދައްކައިފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.