ފުލުހުންނާއި ހަވާލާދީ “އަވަސް” ނޫހުން ރިޕޯޓުކުރާ ގޮތުގައި މަޑުއްވަރީގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށްދާ ކަމަށާއި އެ ރަށުގެ ގެތައް ބަލާ ފާސް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މަޑުއްވަރީގެ ގެތައް ފާސްކުރަމުން އަންނަނީ ކޮން މައްސަލައަކާ ގުޅިގެން ކަމަށް ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ އެ މަޢުލޫމާތު ބަޔާންކޮށް ފަހުން ބަޔާނެއް ނެރޭނެ ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އާއި ހަވާލާދީ އޮންލައިން ނޫސް “މިހާރު” އިން ރިޕޯޓުކުރާ ގޮތުގައި ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުގައި، ރ. މަޑުއްވަރީގެ ބައެއް ގެތައް ބަލާފާސްކުރަމުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، އެ އޮޕަރޭޝަނާ ގުޅޭ ތަފްސީލް ސަލާމަތީ ޚިދުމަތްތަކުން އާންމު ކުރާނެ ކަމަށެވެ.
ހައްދުފަހަނަޅާފައިވާ ފިކުރު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި މަޑުއްވަރީގެ ބައެއް ގެތައް ފާސްކުރަމުން އަންނައިރު، ހަރުކަށި ފިކުރު ގެންގުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދިޔަ “ވިއަވަތި ރާއްޖެ” ކޮންފަރެންސްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ޝަމާލް ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި ސަރުކާރުގެ ސެޓޭންޑް ވަރަށް ސާފުކަމަށާއި، ކަމެއް ދިމާވެއްޖެ ނަމަ ޤައުމީ ދިފާޢީ ބާރުން ހަރަކާތްތެރިވާންވީ ގޮތާއި އެކަމަށް ބޭނުންވާ ތަމްރީންތައް ހަދަމުންދާ ކަމަށެވެ.
އަދި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުގެ ފަރާތުން އަޅަމުންދާ ފިޔަވަޅުތަކާއެކު ޤައުމީ ސަލާމަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި މި ފިޔަވަޅުތަކާއެކު ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.