އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ހެލްތް މިނިސްޓަރުންގެ 8 ވަނަ ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ. މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) ގެ ވެރިރަށް އަބޫދާބީގައި މިމަހުގެ 15 އިން 17 އަށް ކުރިއަށްދިޔަ އޯ.އައި.ސީ.ގެ 7 ވަނަ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގައެވެ. އޯއައިސީގެ 8 ވަނަ ބައްދަލުވުން އޮންނާނީ 2021 ވަނަ އަހަރުއެވެ.
ޔޫއޭއީގައި މިއަދުގެ ނިޔަލަށް ކުރިއަށްދާ ކޮންފަރެންސްގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގެން އެމަނިކްފާނުވަނީ ،އެންޓިވެކްސިން ކެމްޕެއިންއާއި ގުޅިގެން މެމްބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި މެމްބަރު ޤައުމުތަކުގެ ސަމާލުކަމަށް މިކަން ގެނެސް މިކަމަށް ހައްލުހޯދުމަށް ހުރިހާ ޤައުމުތަކުން އެއްބާރުލައިގެން މަސައްކަތް ކުރުމަށް އެދި ،ތައްޔާރުކޮށްފައިވާ ރިސޮލިއުޝަން ،ހުށަހަޅުއްވާދެއްވާފައިވެއެވެ. މި ބައްދަލުވުމުގައި އޯ.އައި.ސީ މެމްބަރ ޤައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މިއީ “ކުއަލިޓީ އޮފް ލައިފް” މި ޝިޢާރުގެ ދަށުން އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ވަޒަންކޮށް، އޯ.އައި.ސީ. ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަން (OIC-SHPA 2014-2023) ތަންފީޒް ކުރާ މިންވަރު ބެލުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. އަދި މި ކޮންފަރެންސް މެދުވެރިކޮށް އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އެޅުންވެސް ހިމެނިފައިވެއެވެ.
އޯ.އައި.ސީގެ 6 ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) މީގެ ކުރިން ބޭއްވިފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ސަޢޫދީ އަރަބިޔާގެ ޖިއްދާގައެވެ.