ފެމިލީ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އަންނަ އަހަރުގެވެސް ކައިވެނި ނުކުރެވޭ ދުވަސްތަކެއް ވަނީ ކަނޑައަޅާފައެވެ.. މީގެތެރޭގައި ރަމަޟާންމަހުގެ ފުރަތަމަ ދުވަހާއި ގުޅިގެން އޭޕްރީލް މަހުގެ 23 އަދި 24 ގައިވެސް ކައިވެނިކޮށްނުދެވޭނެ ކަމަށް އެ ކޯޓުން ބުނެއެވެ.
ފެމިލީ ކޯޓުން ބުނީ ފިޠުރުޢީދާއި ގުޅިގެން މެއި މަހުގެ 24 އިން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށާއި، މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން ޖުލައި މަހުގެ 26 އާއި 27 އަދި އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި އޮގަސްޓް މަހުގެ 02 އަދި 03 ވަނަ ދުވަހުވެސް ކައިވެނިކޮށް ނުދެވޭނެ ކަމަށެވެ.
މީގެ އިތުރުން، އަންނަ އަހަރު ކޯޓުގައި ކައިވެނިކޮށްދޭނެ ގަޑިތައްވެސް ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ކޯޓުގައި ކުރާ ކައިވެނިތައް ކޮށްދޭނީ ރަސްމީ ގަޑިތައް ކަމުގައިވާ ހެނދުނު 10:00 އިން 11:30 އަށް އަދި މެންދުރުފަހު 13:00 އިން 13:30ގެ އިތުރުން ނުރަސްމީގަޑި ނަމަ، 16:00 އިން 21:30 އަށް ކަމަށް އެ އިއުލާނުގައި ވެއެވެ.
އަދި ކޯޓުން ބޭރުގައި ކުރާ ކައިވެނިތައް އަންނަ އަހަރު ކޮށްދޭނީ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ފެމިލީ ކޯޓުން ބުނީ ކައިވެނިކުރުމުގެ ކަންކަން ކޯޓުން މުޅިން ހަމަޖެހި ނިމުމުގެކުރިން، ވަކި ދުވަހަކަށް ކާވެންޏަށް ތައްޔާރުވުމުގެ ގޮތުން ކުރާ ޚަރަދަށް ކޯޓުން ޒިއްމާ ނުވާނެ ކަމަށެވެ.