ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް އާއިލާ ގޮވައިގެން ޗުއްޓީއަށް ދާ ދިވެހިން މަދެއް ނޫނެވެ. ގިނަ ފަހަރަށް ކުޑަ ބަޖެޓަކުން ފުއްދާލެވޭ ގޮތަށް ކައިރި ކޮންމެވެސް ގައުމަކަށް ދިއުމަށް ގިނަ ބަޔަކު ބަލައެވެ. އަދި އެކަމަށްޓަކައި ދުރާލާ ތައްޔާރުވެ ރައްކާކޮށް ހަދައެވެ. ބޭނުމަކީ ކުދިންނާއި އަދި އާއިލާއާއި އެކީގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމެވެ. ހަމަ އެއާއެކީގައި ރާއްޖެއިން ނުފެންނަ ގިނަ ކަންތައްތައް ބޭރުގައުމުތަކުން ފެންނާނެތީ އެފަދަ ކަންތައްތައް ކުދިންނަށް ދައްކާލާ ތަޖުރިބާކޮށް މައުލޫމާތު މުއްސަނދިކުރުމެވެ.
ގިނަ ދިވެހިން އެންމެ ގިނައިން ދާ ގައުމުތަކުގެ ތެރޭގައި އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާ ނުވަތަ މެލޭޝިއާ ހިމެނެއެވެ. އެއީ ރާއްޖެއާއި ގާތް ވެފައި ޚަރަދު ވެސް ކުޑަކޮށް ދަތުރެއް އަޅާލެވޭނެތީއެވެ.
އާއިލާ ގޮވައިގެން ޗުއްޓީގައި ކުޑަ ޚަރަދަކުން ގިނަ ތަޖުރިބާ ތަކެއް ކޮށް މަޖާ ދަތުރެއް ހަދާ ލުމަށް އިންޑިއާގެ ހިމަޗަލް ޕްރަދޭޝް ވަރެއް ހަމަނެތެވެ. ހިމާލިޔާ ފަރުބަދަތަކުން ވަށައިގެންވާ އެ ސަރަހައްދު ބަލައިލަން ރީތި ވެފައި އިންޑިއާގެ ގިނަ ސަގާފަތް ފެނި އެތައް ބައެއްގެ ދިރިއުޅުން ބޭރުން ބޭރުން ބަލާލުމުގެ ފުރުސަތު ލިބިގެން ދެއެވެ.
ތިރީގައި ހިއްސާކޮށްލަނީ އާއިލާއާއެކު މިފަހަރު އަޅުގަނޑުމެން ކުރި ހިމަޗަލް ދަތުރުގެ ބައެއް މުހިންމު ވާހަކަތަކެވެ. ފަހަރެއްގައި މިފަދަ ޗުއްޓީ ދަތުރަކަށް ބޭނުންވާ ބަޔަކަށް ފައިދާ ހުރި ލިޔުންކޮޅަކަށް ވެދާނެ ކަމަށް އުއްމީދުކޮށެވެ. ވަކިން ޚާއްޞަކޮށް ދަތުރާ ބެހޭ ގޮތުން ގިނަ ރައްޓެހިން ކުރި ސުވާލުތަކަށް ޖަވާބު ވެސް ދޭން ބޭނުންވާތީއެވެ.
އަހަރު ޗުއްޓީ ޖެހުމުގެ ތިން ހަތަރު މަސް ކުރިން އަހަރެމެން ދަތުރުގެ ޕްލޭން ކުރީމެވެ. ހިމަޗަލް އިން ދާން ބޭނުންވާ ތަންތަން ކަނޑައެޅީ އިންޓަނެޓް މެދުވެރިކޮށް ބަލައި ހޯދުމަށްފަހުގައެވެ. އެއަށްފަހު އެތަންތަނަށް އެންމެ ކުޑަ ބަޖެޓަކުން ދެވޭނެ ގޮތްވެސް ހޯދާލީމެވެ. އެގޮތުން އައްޑޫގައި ތިބެފައި ޗެންނާއީ މަގުން ގޮސް އިތުރު ޑޮމެސްޓިކް ފްލައިޓަކުން ޗަންދިގަރަށް ދިއުމަށް ޕްލޭން ކުރީމެވެ. ދެން ބެލީ ކަނޑައަޅާފައިވާ ގޮތަށް ރޯޑް ޓްރިޕްގައި ދިއުމަށް އެންމެ ލުއި ފަސޭހަ ވެފައި ޚަރަދުވެސް ކުޑަ ގޮތެވެ. އެގޮތުން ޓެކްސީ އެޕްތައް ބޭނުންކޮށްގެން އެ ސަރަހައްދުން ޓެކްސީ ލިބޭތޯ ފުރަތަމަ ބެލީމެވެ. ނަމަވެސް ހިމަޗަލްގެ ބައެއް ސަރަހައްދުތަކުގައި އޫބާ ނުވަތަ އޯލާ އެޕް ބޭނުން ނުކުރާކަން އެނގުމުން 11 މީހުންނަށް އެރޭ ވަރުގެ ބަހެއް ޓެމްޕޯ ޓްރެވެލް ބޭނުންކޮށްގެން ހޯދީމެވެ. އެއީ މުޅި ދަތުރުގައި ވެސް ލިބުނު އެންމެ ބޮޑު ލުއި ފަސޭހަކަމަށް ވެގެން ދިޔައެވެ. ރޯޑް ޓްރިޕްގައި ގިނަ ހޮޓާތަކެއްގައި މަޑު ކުރަމުން ގެންދާން ޖެހޭތީވެ ލަގެޖް އުފުއްލާނެ ގޮތަކާ މެދު ކުރީގައި ވެފައި ތިބި ކަންބޮޑުވުން ޓެމްޕޯ ޓްރެވެލާއާއެކު ފަސޭހަ ވެގެން ދިޔައެވެ. ވަކިން ޚާއްޞަކޮށް އެސަރަހައްދުގެ މަގުތައް އެނގޭ މަގަށް ފަރިތަ ޑްރައިވަރަކު ލިބުމުން ހިތްހަމަޖެހުން ލިބިގެން ދިޔައެވެ.
11 ދުވަހުގެ މި ދަތުރުގައި 15 ރަށަށް ދަތުރު ކޮށް 6 ހޮޓަލުގައި މަޑުކުރަން ޖެހުނެވެ. އެއީ ކުރެވުނު ވަރަށް ތަފާތު ތަޖުރިބާ ތަކެވެ. މުޅި ދަތުރުގައި ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ، ބަޖެޓް ރޫމްތަކެއް ކުރީބައިގައި ބުކް ކުރެވުމެވެ. ބުކިން ޑޮޓް ކޮމް އިން ނެގި ހޮޓާތަކުގެ ފޮޓޯތައް އިންޓަނެޓްގައި ކިތަންމެ ރީތިވެފައި ރިވިއުތައް މޮޅު ކަމަށް ވިޔަސް ހަމަ ލޮލުން ބަލާލުމުން ކަމު ނުދިޔަ ކަމެވެ. 2 ހޮޓަލެއް ބެލުމަށް ފަހު ބުކް ކުރި ހުރިހާތަނެއް ފަހުން ކެންސަލް ކުރަން ޖެހުނީއެވެ. އެންމެ ބުއްދިވެރި ގޮތަކަށް ވީ އަމިއްލައަށް ގޮސް އެތަނެއް ބެލުމަށް ފަހު ބުކް ކުރުމެވެ. ފައިވްސްޓާރ ގެ ނަމުގައި ހުރި ހޮޓާތައް ވެސް ހަމަ އެފަދައެވެ.
ކުރިން ވެސް ކަނޑައަޅާފައި އޮތީ ރޯޑް ޓްރިޕެއް ކަމުން ހޮޓަލަށް ވަންނަން ޖެހެނީ ރޭގަނޑު ނިދުމަށް އެކަންޏެވެ. އެހެންކަމުން އެތަނަކީ ހިތްހަމަޖެހޭ ވަރުގެ ފަސޭހަތަނަކަށް ވާން ޖެހޭނެތީ ފަހުން ނެގީ މުޅިންވެސް ލަގްޒަރީ ހޮޓާތަކުން އެފަދަ ރޫމް ތަކެވެ. ރާއްޖެއާއި އަޅާ ބަލާއިރު ބޮޑު ތަނުން އަގު ހެޔޮވެފައި ކޮޓަރިތައް އަރާމެވެ.
ޗެންނާއީގައި އެއްރޭ މަޑުކޮށް ޖެހިގެން އައި ދުވަހު ޑޮމެސްޓިކްގައި ހައިދަރުއާބާދު މަގުން ޗަންދިގަރަށް އައިއިރު ޓެމްޕޯ ޓްރެވެލްގެ ފަރާތުން ފޮނުވި ބަހާއި ޑްރައިވަރު އެއާޕޯޓުގައި ހުއްޓެވެ. ޕަންޖާބީ ޑްރައިވަރަށް ކޮށިކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގުނުކަމުގައި ވިޔަސް އަހަރެމެންނަށް އެކަން މާ ބޮޑު ކަމަކަށް ނުވެއެވެ. އެއީ ހިންދީ ބަހުން ފަރިތަކަމާއެކު ވާހަކަ ދައްކަން ގުރޫޕުގެ ގިނަ މީހުންނަށް އެނގޭތީއެވެ. ހިންދީ ޑްރާމާތަކާއި ފިލްމު ބެލުމުގެ ފައިދާވެސް ވީއެވެ.
އެއާޕޯޓުން ބަހުގައި ދިއުމަށް ހަމަޖެހިފައި އޮތީ ޝިމްލާ ޑިސްޓްރިކްޓަށެވެ. އެއީ ހިމަޗަލްގެ ފުރަތަމަ މަންޒިލެވެ. 4 ގަޑި އިރުގެ އެ ދަތުރު ގައި ވެސް ބައެއް ސައިޓް ސީން ތަކަށް މަޑުކޮށް ބަލާހެދީމެވެ. ހޮޓަލަށް ދެވުނު އިރު ދަތުރުގެ ދިގު ކަމާއެކު އަލަށް އެފަދަ ދަތުރެއް ކުރަން ޖެހުމުން އެންމެން ތިބީ ވަރުބަލިވެފައެވެ. އެހެންކަމުން ވަގުތުން ނިދީއެވެ.
ޖެހިގެން އައި ދުވަހު ޕްރޮގްރާމުގައި އޮތް ގޮތަށް ޝިމްލާ ޑިސްޓްރިކްޓްގެ ސައިޓް ސީން އަށް ދިޔައީއެވެ. ތަނުގެ ޓެމްޕަރޭޗަރ 4 ގައި ހުރުމުން ފިނީގެ އުނދަގޫ އެންމެނަށް ކުރިއެވެ. ނަމަވެސް ދުރާލާ އެކަމަށް ތައްޔާރުވެގެން އައުމުން އަލަށް ތަޖުރިބާ ކުރި އެ މޫސުމުގެ ފިނިކަން ވީ މަޖާ ކަމަކަށެވެ. ވަކިން ޚާއްޞަކޮށް މޯލްރޯޑުގައި ރޭގަނޑު ހިނގާލާފައި އެތަނުގެ ސުވެނިއާސް ފިހާރަތައް ބަލަމުން ކުރި ދަތުރު ފިނީގެ އަސަރު އެންމެންނަށް ކުރިއެވެ.
3 ދުވަސް ވަންދެން އެސަރަހައްދުގެ ހުރިހާ ރަށްތަކަށް ގޮސް ބަލައި ހެދުމަށްފަހު ކުއްލޫ ، މަނާލީ އާއި ދިމާއަށް ދަތުރު ފެށީމެވެ. އެއީ 7 ގަޑި އިރުގެ ދިގު ދަތުރެއް ނަމަވެސް ތަންތަނަށް މަޑުކުރަމުން އިންޑިޔާގެ މީރު ސައިގެ ރަހަވެސް ބަލަމުން ހިތްގައިމު މަންޒަރުތައް ކެމެރާގައި ފޮރުވަމުން ދިއުމުން ދަތުރުގެ ދިގުކަން އިހުސާސެއް ނުކުރެވެއެވެ. ވަކިން ޚާއްޞަކޮށް ވަށައިގެން ފެންނަން ހުރި ހިމާލިޔާ ފަރުބަދަ ތަކާއި ފަރުބަދަ ތަކުގެ މަތިން ފެންނަން ހުރި ސްނޯ ކެޕްސްތައް ބަލާލުމަށް ނުހަނު ހިތްގައިމެވެ. ހިމަޗަލްގެ ރަށްތަކުގެ ތެރެއިންނާއި ފަރުބަދަ ތަކުގެ ވާދީތަކުގެ ތެރެއިން ކުރި ދިގު ދަތުރު ތަކުގައި ވިންޓަގެ ފިނީގައި ހިކިފައިވާ ވޯޓަރ ފޯލްތަކާއި ކޯރުތަކުގެ އިތުރުން ފެހި ދަނޑުތަކާއި ތަފާތު ވައްތަރުގެ މޭވާ ގަސްތައް ފެނުނެވެ. އޭގެ އިތުރުން އެ ރަށްތަކުގެ މީހުންގެ ދިރިއުޅުމާއި ސަގާފަތާއި އާދަކާދަ އަދި މަސައްކަތްތެރިކަން ދުރުން ދުރުން ނަމަވެސް ބަލާލުމަށް ފުރުސަތު ލިބިގެން ދިޔައެވެ. ފާހަގަ ކުރެވުނީ އިންޑިޔާގެ ގިނަ އަވަށްތަކުގެ މީހުން ސަލާންޖަހައި ހަދާގޮތަށް އެސަރަހައްދުގެ މީހުން ސަލާން ޖަހައި އަތްދިގު ނުކުރާ ކަމެވެ. ކޮންމެވެސް ކަމެއް ކޮށްގެން ނުވަތަ އެއްޗެއް ވިއްކައިގެން ވިޔަސް ލާރިއެއް ހޯދޭތޯ އެމީހުން ބަލާކަމެވެ. އެއީ ދަތުރުގައި ބައިވެރިވި އެންމެންނަށް ލިބިގެން ދިޔަ އާ ތަޖުރިބާ ތަކެކެވެ.
ގޫގުލް މެޕުން ބަލަމުން ދިއުމުން ދެވުނު ރަށްތައް އެންމެން ހަނދާނުގައި ހުއްޓެވެ. އެގޮތުން ސުންދަރުނަގަރުގެ ހަނޑޫ ދަނޑުތަކާއި މަންޑިގެ ލޭކްތައް ފާހަގަކޮށްލެވުނެވެ.
މަނާލީއަކީ މުޅި ހިމަޗަލްގައި ވެސް އެންމެ ރީތި އެއްސަރަހައްދު ކަމަށް ބުނެވޭނެއެވެ. އެކި މޫސުމަށް އެތަނަށް އަންނަ ތަފާތު ރީތިކަން ޑްރަވައިރު ކިޔައިދިނެވެ. މަގުގެ ދެފަރާތުގައި ހެދިފައިވާ އާފަލު ގަސްތައް ވިންޓަރ ގައި ހުސް ދަނޑިގަނޑަށް ވެފައި ހުރި ނަމަވެސް ގިނަ މޫސުމް ތަކުގައި އެތަނަށް އިތުރުފުރިހަމަ ކަމެއް ގެނެސްދެނީ އެގަސްތަކާއި ގަސްތަކުގައި އަޅާފައި ހުންނަ މީރު އާފަލުން ކަމަށް އޭނާ ކިޔައިދިނެވެ. ހަމައެއާއެކު ވިންޓަރގައި މުޅި މަނާލީ ސްނޯއިން ފޮރުވިފައި ހުރިހާތަނެއް ހުދުކުލައިގައި ފެނުނު ކަމުގައި ވިޔަސް އަހަރެމެން ދިޔަ އިރު ސްނޯ ހުރީ ވަކި ސަރަހައްދުތަކެއްގައި އެކަންޏެވެ. އެހެންކަމުން އެސަރަހައްދަށް ގޮސް ކުދިންނަށް ސްނޯގައި ކުޅެ މަޖާކުރާނެ ފުރުސަތު ހޯދައިދެވުނެވެ.
އެސަރަހައްދުގައި ދެ ދުވަސް ހޭދަކުރުމަށް ފަހު 3 ވަނަ ދުވަހު އެނބުރި ޗަންދިގަރަށް ދާން ބަހުގައި ނައްޓާލީއެވެ. ބަހުގައި ކުރި ދަތުރުގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކަށް ފެނިގެން ދިޔައީ މަގު ހެދުމަށް މެދުކެނޑުމެއްނެތި ރެއާ ދުވާލު ލޭބަރުން ކުރަމުން ދިޔަ މަސައްކަތް ތަކެވެ. ސަރުކާރުން ތަނުގެ ތަރައްގީއަށްޓަކައި ކުރާ ހޭދަތަކެވެ. ހިމަޗަލްގެ ހުރިހާ ރަށްތައް އޯވަރހެޑް ބްރިޖަކުން ގުޅުވާލުމަށް ފަރުބަދަތައް ކަނޑައިގެން ކުރިއަށް ގެންދާ ބިޔަ މަޝްރޫއެވެ. އެ މަޝްރޫއު ނިމުމުން އެ ސަރަހައްދަށް ޒިޔާރަތް ކުރާ މީހުންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަން ޔަގީނެވެ. ވަކިން ޚާއްޞަކޮށް ހިމަޗަލް އަކީ ފަތުރުވެރިންގެ ޚާއްޞަ މަންޒިލެއް ކަމުން އެފަދަ މަގެއް އެސަރަހައްދަށް މުހިންމުކަން ބޮޑުކަމެވެ.
މަނާލީން ކުރި ދަތުރުގައި އެއްރޭ ބިލާސްޕޫރުގައި މަޑުކޮށް އަނެއް ދުވަހު މެންދުރު ޗަންދިގަރަށް ފޯރިއެވެ. އެތަނުން 2 ޓެކްސީގައި ދިއްލީއަށް ދާން ނައްޓާލީ އެދުވަހުގެ ހަވީރުގައެވެ. ދިއްލީގައި 2 ދުވަސް ހޭދަކޮށް އާގަރާއަށް ގޮސް ތާޖުމަހަލް ބަލާލުމާއި އަދި ދިއްލީގައި މެޓްރޯ ގައި ދަތުރުކޮށް ބޮޑެތި ޝޮޕިން މޯލްތަކަށް ވިޔަފާރިކޮށްލަން ދާނެ ފުރުސަތު ޓީމަށް ލިބިގެން ދިޔައެވެ.
11 ވަނަ ދުވަހު ފުރައިގެން އެނބުރި ގައުމަށް އާދެވުނީ ފުރިހަމަ އަދި ތަފާތު ގިނަ ތަޖުރިބާ ކުރެވުނު ޗުއްޓީއެއް ނިންމާލުމަށް ފަހުގައެވެ. ރޯޑް ޓްރިޕެއްގައި ކުރެވޭނެ ހުރިހާ ތަޖުރިބާއެއް މިދަތުރުގައި ކުރެވުނެވެ. ރީތި ހިތްގައިމު ތަންތަން ބަލާލެވުނެވެ. ވޯޓަރފޯލް ތަކާއި ކޯރު ތަކާއި ފަރުބަދަތައް ފެނުނެވެ. ސްނޯގައި ކުޅެ ވިންޓަރ ގެ ފިނިކަން އިހްސާސްކުރާނެ ފުރުސަތު ލިބުނެވެ. ދަތުރުގައި ބައިވެރިވި ހުރިހާ އެންމެންނަށް އެއީ އެއްދަތުރަކުން ގިނަ ކަންކަން ތަޖުރިބާ ކުރެވުނު ފުރިހަމަ ދަތުރަކަށް ވިއެވެ.