English Edition
Dhivehi Edition

ދުނިޔޭގެ ކެންސަރ ދުވަހާ ގުޅުވައިގެން އައްޑޫހައިސްކޫލުގައި ހެލްތް ސްކްރީނިންގ ހަފްތާއެއް ފާހަގަކޮށްފިއެވެ.

މިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ޓީމެއް ވަނީ ސްކޫލަށް ޒިޔާރަތްކޮށް ދަރިވަރުންގެ އާންމު ސިއްހީ ހާލަތު ޗެކްކޮށްފައެވެ. މިގޮތުން ދަރިވަރުންގެ ދަތާއި ލޯ ޗެކްކުރުމާއި ތެލަސީމިއާ ޓެސްޓްކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހައިސްކޫލުގެ އެޗްއޯޑީ ޝިއުނާ މުޙައްމަދު ވިދާޅުވީ މިއީ މިއަހަރުގެ އެޑިޔުކޭޝަން ކަލަންޑަރުގައި ހިމެނިގެން ހުރިހާ ސްކޫލެއްގައި ކުރިއަށް ގެންދިޔަ ހެލްތް ސްކްރީނިންގ ހަފްތާގެ ތެރެއިން ހައިސްކޫލުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

“ހައިސްކޫލަކީ ބޮޑެތި ދަރިވަރުން ކިޔަވާ ސްކޫލަކަށް ވުމުން ބޮޑަށް ބެލީ ދަރިވަރުންނާ ގުޅޭ ގޮތުން ހެލްތް ސްކްރީނިންގ ކުރިއަށް ގެންދެވޭތޯ. އެގޮތުން ލޭގެ ގުރޫޕް ބެލުމާއި ތެލަސީމިއާ ޓެސްޓްކޮށް ވަގުތުން ދަރިވަރުންނަށް ނަތީޖާ ލިބޭނެ ގޮތަކަށް މިޕްރޮގްރާމު ރާވާފައި އޮތީ. ކޮންމެ ދުވަހަކު އިންޓަވަލް ގަޑީގައި އެޗްއާރު އެޗްގެ ޓީމެއް ސްކޫލަށް އައިސް ހެލްތް ސްކްރީނިނގް ވީކް ކުރިއަށް މި ގެންދިޔައީ. އެކަމަށްޓަކައި ސްކޫލުގެ މެނޭޖްމަންޓްގެ ފަރާތުން އެޗްއާރު އެޗް އަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން” ޝިއުނާ ވިދާޅުވިއެވެ.

ދުނިޔޭގެ ކެންސަރ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ހެލްތް ސްރީނިންގ ވީކްގައި ކެންސަރ ޕޯސްޓަރ ކުރެހުމާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގެ ފަރާތުން ބޭއްވި “އަ މޮމެންޓް ވިތް އާޓް” މުބާރާތުގައި ވެސް އެ ސްކޫލުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.