މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިންތިޤާލީ ރައީސް، ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މަޝްވަރާ ކޮމިޓީ އިއްޔެ އެކުލަވާލައިފި އެވެ.
އެމްއާރުއެމް އިން ބުނީ އެ ކޮމިޓީގެ މައިގަނޑު މަސައްކަތަކީ ޕާޓީ ކުރިއަރުވައި ތަރައްޤީކުރުމުގައި، ޕާޓީގެ ރައީސް އަށް ލަފާދެއްވާ މަޝްވަރާ އެރުވުން ކަމަށެވެ.
12 މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އެ ކޮމިޓީގައި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންވެސް ހިމެނެއެވެ. އެގޮތުން ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އާއި އައްބާސް އިބްރާހިމް އަދި ރައީސް މައުމޫންގެ އަނބިކަނބަލުން، މެޑަމް ނަސްރީނާ އިބްރާހިމް ވެސް ކޮމިޓީގައި ހިމެނިވަޑައިގަންނަވަ އެވެ.
މީގެ އިތުރުން ޤައުމީ އިނާމު ކޮމިޓީގެ މެންބަރު އަދި އަންހެނުންގެ ޙައްޤުތަކަށް މަސައްކަތް ކުރައްވަމުން ގެންދަވާ ރަހީމާ އާދަމް އާއި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޒުހައިރު އާއި، ދިގު މުއްދަތަކަށް ތަޢުލީމީ ދާއިރާގައި ޚިދުމަތްކުރައްވަމުން ގެންދަވާ ވަފާ ވަހީދު އާއި ޢާއިޝަތު ޝިހާމް ވެސް ކޮމިޓީގެ ހިމެނިވަޑައިގަންނަވަ އެވެ.
އެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒައިން އާއި ދިވެހި ފިލްމީ ދާއިރާގެ އެންމެ ފުންނާބުއުސް އެއް ތަރި ކަމުގއިވާ ނިއުމާ މުޙައްމަދުގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ މެންބަރު މޫމިނާ އާދަމްގެ އިތުރުން ވިޔަފާރިވެރިޔާ އިސްމާއިލް މާޖިދު އާއި މުޙައްމަދު އަފީފް އެވެ.
އެމްއާރުއެމް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަޖިސްޓްރީ ކޮށްދީފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށްވާއިރު، ޕާޓީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވަނީ ނޮވެމްބަރު 25 ގައެވެ.
އެމްއާރުއެމް އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާވެސް ވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ދަރުބާރުގޭގައި ބާއްވައިފަ އެވެ. އެ ޖަލްސާގައި ވަނީ އެ ޕާޓީގެ އެކި މަޤާމްތަކަށް ބޭފުޅުން އިންތިޚާބުކޮށްފަ އެވެ. އެ ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުން ޕާޓީގެ ރައީސްގެ މަޤާމަށް ރައީސް މައުމޫން ވަނީ އިންތިޚާބުވެވަޑައިގެންފަ އެވެ.
އެމްއާރްއެމް އަކީ ރައީސް މައުމޫން އުފެއްދެވި 3 ވަނަ ޕާޓީއެވެ. އެންމެ ފުރަތަަމަ ރައީސް މައުމޫން އުފެއްދެވީ ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރްޕީ) އެވެ. އެއަށްފަހު އުފެއްދެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އެވެ. މި ދެ ޕާޓީ ވެސް އަދިވެސް ސިޔާސީ މައިދާނުގައި އޮވެއެވެ. އެގޮތުން ޕީޕީއެމް އަކީ ސަރުކާރާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެވެ.