މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި އައްޑޫގައި ވޯޓްލުމުގެ ފޯރި އެހެން އިންތިހާބުތަކާ އަޅާބަލާ އިރު ކުޑަކަން ފާހަގަ ކުރެވެއެވެ. އިންތިހާބުގެ ކަންތައްތައް ދިރާސާ ކުރާ ފަރާތަތަކުން ބުނަމުންދަނީ މީ އިންތިހާބެއްގައި އެންމެ މަދުން އައްޑޫމީހުން ވޯޓްލާ ފަހަރުކަމުގައި ވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.މި އިންތިހާބްގައި އައްޑޫން ވޯޓް ލުމުގެ ހައްގު 23012 މީހަކަށް ލިބިފައިވާ އރު އިންތިހާބްގައި އައްޑޫ ސިޓީ ކައުންސިލްގެ 7 ގޮނޑިއަށް 19 ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ. ވެރިކަން ކުރާ ޕީޕީއެމްއިން 7 ކެންޑިޑޭޓަކު ވާދަކުރާއިރު އިދިކޮޅު އެމްޑީޕީން 7 ކެންޑިޑޭޓަކު އަދި އަމިއްލަ ގޮތުން ވާދަ ކުރާ 5 ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ.
މި އިންތިހާބުގައި މިހާތަނަށް ސީރިއަސް ޝަކުވާއެއް އައިސްފައި ނުވާކަމަށް އިލެކްޝަން ކޮމިޝަނުންވަނީ ވިދާޅުވެފައެވެ. އެކި ސަބަބުތަކާ ހުރެ ވޯޓުލުން ނުފެށި ލަސްވި ސަރަހައްދުތަކުގައި ވޯޓުލުމަށް އިތުރު ވަގުތު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު ވޯޓުފޮށި ބަންދުކުރުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00ޖަހާއިރުގައެވެ.