އައްޑޫގެ މަގު ހެދުމާއި ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ މަސައްކަތް ފޮރިން މިނިސްޓްރީން އިން ، އިންޑިއާގެ ދެ ކުންފުންޏަކާއި ޙަވާލުކޮށް ފިއެވެ.
މިމަސައްކަތް ޙަވާލުކުރީ އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އަދި އިން ޖޭވީ ވިތު އެލްއީއޭ އެސޯސިއޭޓްސް ކުންފުންޏާ އެވެ.
އައްޑޫ ސިޓީ ކައުންސިލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، އައްޑޫގެ 25 ކިލޯމީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓަންސީ ހަވާލުކޮށްފައި ވަނީ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އިންޖިނިއަރިން ލިމިޓެޑާއި އެލްއީއޭ އެސޯސިއޭޓްސް ސައުތު އޭޝިޔާ ޕްރައިވެޓް ލިމިޓެޑާ އެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ޕްލޭނިން މިނިސްޓްރީގެ އިސް ވެރިންގެ އިތުރުން އައްޑޫ ކައުންސިލް މެމްބަރުންނާއި އައްޑޫ އަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އައްޑޫސިޓީގެ ކައުންސިލުން ތައްޔާރުކޮށް ފައިވާ،ވިޝަންގެ މައްޗަށް ބިނާކޮށްފައިވާ މި މަޝްރޫއުތަކުގައި ވަނީ ކޮންސްޓްރަކްޝަން ކޮންސަލްޓަންސީ އަދި ޑިޒައިނިން މަސައްކަތެވެ.
އިންޑިއާ ސަރުކާރުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ދެވިފައިވާ މިމަސައްކަތް ނިއްމުމަށް ދީފައިވާ މުއްދަތަކީ ތިން އަހަރާއި ބައެވެ. މިމުއްދަތުގެ ތެރޭގައި އައްޑޫގެ 25 ކިލޯ މީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެއީ ހިތަދޫން 90 ހެކްޓަރާއި މަރަދޫ، މަރަދޫފޭދޫއިން 75 ހެކްޓަރާއި ހުޅުމީދޫއިން 38 ހެކްޓަރު އަދި ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވައިލުމަށްޓަކައި ފަޅުތެރެއިން 25 ހެކްޓަރެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރިން ވިދާޅުވެފައި ވަނީ އިންޑިއާއިން ދޭ ކްރެޑިޓްލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ހޭދަކުރާނީ އައްޑޫގެ އެކި އަވަށްތަކާއި މަގުތަކާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކަށް ކަމަށެވެ.
އައްޑޫގެ ތަރައްގީގެ ކަންކަމަށް ގާތްގަނޑަކަށް 414 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ޚަރަދު ކުރާނެ ކަމަށް މިސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.