English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ކުނިކޮށި ކައިރީގައި ދެންމެ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 23 އަހަރުގެ އަންހެން ކުއްޖަކަށާއި، 55 އަހަރުގެ ފިރިހެނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އިން ފަރުވާ ދޭން ފަށައިފިއެވެ.

ހޮސްޕިޓަލުން ވިދާޅުވީ އެއީ ދެބަފައިން (ދަރިފުޅާއި، ބައްޕަ) ކަމަށެވެ. އެ ދެބަފައިންގެ ވެސް ގައިގެ އެކިތަންތަނުން މަށައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ. ބައްޕަގެ ހާލު ކުޑަކޮށް ދެރަ ކަމަށްވެސް އެތަނުން ވިދާޅުވިއެވެ. “ބައްޕަގެވެސް އެކިތަންތަން ވަނީ މަށައިގެން ގޮސްފައި. ހާލު ކުޑަކޮށް ދެރަ. އަންހެން ކުއްޖާގެ ހާލު ރަނގަޅު،” ހޮސްޕިޓަލުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ބަފައިންނަކީ ހިތަދޫ ދެމީހުންނެވެ. ލިބިފައިވާ ފޮޓޯއަށް ބަލާއިރު އަންހެން ކުއްޖާއަކީ މޯލްޑިވިއަންގައި މަސައްކަތް ކުރާ ކުއްޖެއްކަން ޔުނީފޯމުން އެނގެއެވެ.

ދެބަފައިން ދުއްވި ސައިކަލް އެކްސިޑެންޓުވީ ކުނިކޮށި ކައިރީގައި ޖަހައިފައިވާ ބެރިކޭޑު ތަކުގެ ތެރެއިން ބެރިކޭޑެއްގައި، ސައިކަލް ޖެހިގެންނެވެ. ދެ ބަފައިން ދިޔައީ ކޮންތާކަށް ކަމެއްވެސް އަދި ސާފުނުވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ ދެ ބަފައިންވެސް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ލިބިފައި ނުވާކަމަށެވެ.