English Edition
Dhivehi Edition

މަތީ ތައުލީމަށް ސަރުކާރުން 1990 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދޫކުރި 140.09 މިލިއަން ރުފިޔާގެ ތެރެއިން 81 އިންސައްތަ ނުދައްކާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ. އިއްޔެ އާންމުކުރި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވާގޮތުން މި މުއްދަތުގައި މަތީތައުލީމަށް 1166 ދަރިވަރަކަށް ސަރުކާރުން ވަނީ ލޯނު ދޫކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ މަތީތައުލީމަށް ދޫކުރި ލޯނުގެ ތެރެއިން ސަރުކާރަށް 114.13 މިލިއަން ރުފިޔާ އަނބުރާ ނުދައްކާ ކަމަށެވެ. އެހެންކަމުން 81 އިންސައްތަ ލޯނު އަނބުރާ ދައްކަމުން ނުދެ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދަރިވަރުން ނަގާފައިވާ ލޯނުތައް ސަރުކާރުން ރަނގަޅަށް ރެގިއުލޭޓް ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތްކަން ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ދަރިވަރުން ލޯނު ނެގުމަށްފަހު ލޯނު ނުދައްކާ ހުރީ ކިހާ ދުވަހެއް ވަންދެން ކަމާއި އެކި ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ލޯންތަކަށް މިހާތަނަށް ލިބެން ޖެހޭ އަދަދުވެސް އެނގެން ނެތް ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އޮޑިޓް އޮފީހުން ވަނީ މި މައްސަލާގައި ލޯނު ނުދައްކާ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ނިންމާފައެވެ.