English Edition
Dhivehi Edition

ނިއުޒީލެންޑްގެ ރަށެއްގައި ހުރި އަލިފާން ފަރުބަދައެއް ގޮވައި ފަސް މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ނިއުޒީލެންޑްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި “ވައިޓް އައިލެންޑް” ނަމަކަށް ކިޔާ ރަށުގައި ހުންނަ އަލިފާން ފަރުބަދަ ކުއްލި ގޮތަކަށް ގޮވުމުގެ ސަބަބުން ފޭބި އަޅިތަކާއެކު 50 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށެވެ. އަދި މިހާތަނަށް މަރުވެފައިވާ ފަސް މީހުންގެ ހަށިގަނޑު ފެނިފައިވާއިރު އެ ގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނީ މަރުވި މީހުންގެ އަދަދު 100 އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ފުލުހުން ބުނީ ފަރުބަދަ ގޮވަން ފެށިއިރު އެސަރަހައްދުގައި 100 އަށްވުރެ ގިނަ މީހުން ތިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ފަރުބަދަ ގޮވުމާ އެކު ބައެއް މީހުން ސަލާމަތްކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުންވަނީ ބުނެފައެވެ. މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ގެއްލިފައިވަނީ ކޮން ގައުމުތަކެއްގެ ފަތުރުވެރިންކަން އަދި މިހާތަނަށް ޔަގީންވެފައި ނުވާއިރު ނިއުޒީލެންޑްގެ ފުލުހުން ބުނީ ގެއްލިފައިވާ ފަތުރުވެރިންގެ ތެރޭގައި އޮސްޓްރޭލިއާގެ 30 ފަތުރުވެރިއަކު ހިމެނޭ ކަން މިހާތަނަށް ޔަގީން ކުރެވިފައިވާ ކަމަށެވެ.

ވައިޓް އައިލެންޑް ނުވަތަ ވަކާރި އަކީ އެ ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލުތަނެކެވެ. ވައިޓް އައިލެންޑަށް އަހަރަކު 10،000 މީހުން ޒިޔާރަތް ކުރާއިރު އެ ސަރަހައްދަކީ ނިއުޒިލެންޑުގައި އަލިފާން ފަރުބަދަ އެންމެ ގިނަ އެއް ސަރަހައްދެވެ.