English Edition
Dhivehi Edition

ނިއު ޒީލެންޑުގެ ކްރައިސްޓްޗާޗުގައި ހުންނަ ދެ މިސްކިތަކަށް ހަމަލާދޭން ބޭނުންކުރި ބާވަތުގެ ބަޑި ގެންގުޅުމާއި ވިއްކުން އެގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ. އެގޮތުން އެގައުމުގެ ބޮޑުވަޒީރު ޔަސިންޑާ އާޑާން ވިދާޅުވި “މިއީ އަޅުގަނޑުމެން ކުރާނެ މަސައްކަތުގެ ފެށުމެއް” މިހެންނެވެ.

ބޮޑުވަޒީރު ޔަސިންޑާ އާޑާން ވިދާޅުވީ އަސްކަރީ ބާވަތުގެ ސެމީ އޮޓޮމެޓިކް އަދި އެސޯލްޓް ރައިފަލް އެގައުމުގައި މަނާކޮށްފައިވާ ކަމަށެވެ. އިތުރަށް ބޮޑު ވަޒީރު ވިދާޅުވީ އެއީ ގައުމީ މަސްލަހަތުގެ ތެރެއިން އެންމެން ސަލާމަތަށްޓަކައި މުހިންމު ކަމެއް ކަމަށާއި މިކަހަލަ ޓެރަރިސްޓު ހަމަލާއެއް ތަކުރާރުނުވާނެ ގޮތަކަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އާ ގާނޫނަށް އަމަލުކުރަން ފަށާއިރު، މިހާރު މީހުންގެ އަތުގައި ހުރި އެ ބާވަތުގެ ބަޑިތައް ސަރުކާރުން ގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އާޑާން ވިދާޅުވި އެވެ.