English Edition
Dhivehi Edition
ޝަމީމް ޕީޖީގެ މަޤާމަށް ޢައްޔަންކުރައްވައި ލިޔުން އަރުވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، ހެންވޭރު ހިޔާކަން، އަލްއުސްތާޛު ޙުސައިން ޝަމީމް އިއްޔެ ޢައްޔަން ކުރައްވައިފިއެވެ.

އެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އަލްއުސްތާޛު ޙުސައިން ޝަމީމް އައްޔަން ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 221 ވަނަ މާއްދާ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ. އަލްއުސްތާޛު ޙުސައިން ޝަމީމް ވަނީ އިނގިރޭސި ވިލާތުގެ ސަސެކްސް ޔުނިވަރސިޓީން، ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާސިލުކުރައްވާފައެވެ. އަދި އަލްއުސްތާޛު ޙުސައިން ޝަމީމް ވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާސިލުކުރައްވާފައެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އައްޔަންކުރެއްވި އަލްއުސްތާޛު ޙުސައިން ޝަމީމްގެ މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރެވެ.

ޝަމީމް، ޕީޖީގެ މަޤާމަށް ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެގޮތުން އޭނާ އެ މަޤާމަށް ޢައްޔަންކުރަން ފާސްވީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާގުންނެވެ.