ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ޕީޓާ ސެގާޓް ވަކިކުރުމަކުން އަދި ފުދުނީ ނޫންކަމަށާއި، މިވަޤުތަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް އިސްތިއުފާ ދޭންޖެހޭ ވަޤުތުކަމަށް ބުނެ އާއްމުންނާއި ފުޓްބޯޅައިގެ ތަޖުރިބާކާރުން ސޯޝަލް މީޑިއާގައި ގޮވާލަމުން އެބަދެ އެވެ.
ސެގާޓުގެ ކޮންޓްރެކްޓް އުވާލަން އޭނާއާ އެކު އެފްއޭއެމުން މިއަދު އެއްބަސްވުމަކަށް އައީ ސައުތު އޭޝިއަން ގޭމްސްގެ ފައިނަލަށް ނުހޮވި ކެޓުމުންނެވެ. ރަން މެޑެއްޔަށް ޓާގެޓްކޮށްގެން ދިޔަ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު މުބާރާތުން ކެޓީ މެޗަކުން މޮޅެއް ނުލިބި އެވެ. ސަރަހައްދުގެ ގަދަބާރު އިންޑިއާ ވާދަނުކުރާ މި މުބާރާތުގެ ތާވަލުގައި ރާއްޖެ އޮތީ ފުލުގަ އެވެ. މިއީ ދެކުނު އޭޝިއާ މުބާރާތެއްގައި ރާއްޖޭގެ ނަތީޖާ އެންމެ ދަށް އެއް ފަހަރެވެ.
ރާއްޖޭގެ ފުޓްބޯޅަ މިހާދަށަށް ދުވަހަކުވެސް ނުވެއްޓޭކަމަށް ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުން އަދި ސަޕޯޓަރުންވެސް ދަނީ ބުނަމުންނެވެ. މިއީ ކުޅުންތެރިންގެ މައްސަލައެއް ނޫންކަމަށާއި، މިކަމުގައި ފުރިހަމަ ޛިއްމާ ނަގަންޖެހޭނީ އެސޯސިއޭޝަންގެ ވެރިން ކަމަށް ވެސް އެފަރާތް ތަކުން ހާމަކުރެއެވެ.
ގައުމީ ޓީމުގެ ހާލަތު ބަލަބަލާ އޮއްވާ ދަށްވުމުގެ އިތުރުން ކްލަބް ފުޓްބޯޅައިގެ އަޑުވަނީ މުޅިންހެން ކެނޑިގެން ގޮސްފައެވެ. މިކަންކަން މިހެން އޮތުމުން އަބަދުވެސް ފުޓްބޯޅަ ސަޕޯރޓަރުން ދިޔައީ އެފްއޭމް ހިންގުން އެހެން ބަޔަކާއި ޙަވާލްކުރަން ޖެހިފައިވާ ކަމަށް ބުނަމުންނެވެ. ނަމަވެސް އަދި މިއަދާއި ހަމަޔަށް އެކަންވަނީ ނުކުރެވިއެވެ.
މިއަދު ރާއްޖޭގެ ފުޓްބޯޅައަށް ލިބެމުންދާ ނިކަމެތިކަމަކީ ޢާއްމުންނަށް ބަލައިގަންނަން ވަރަށް އުދަގޫ ކަމެކެވެ.ނަތީޖާތައް ހަޖަމްކުރަން ވަރަށްވެސް އުދަގުލެވެ.
މުޙައްމަދު އިބްރާހިމް (ލޯޔަރ ވައްޑޭ) ވަނީ ބައްސާމްގެ ނަފްސާއިމެދު ދެކިލައްވާގޮތާއި މެދު ސުވާލު އުފައްދާފައެވެ. އަދި އެފްއޭމް ފެއިލް ކޮށްލެވުނު ކަމަށް ޤަބޫލުފުޅު ކުރައްވަންތޯވެސް ވަނީ އައްސަވާފައެވެ.
ބައްސާމާއި އޭނާގެ ޓީމު އެފްއޭއެމުން ބޭރުކުރަން އޭރު ކްލަބްތަކުންނާއި ސަރުކާރުން މަސައްކަތްކުރި ނަމަވެސް އޭރުވަނީ އެކަން ނުކުރެވިއެވެ. ނަމަވެސް ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު ހަލާކު ވެގެންދާން އަދިވެސް ދޫކޮށްލާނީތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.