ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލަށް ނުގޮސް ރާއްޖެ ކެޓުމުން އެފްއޭއެމް އާއި ކޯޗު ޕީޓާ ސެގާޓް އެއްބަސްވުމަކަށް އައިސް ކޯޗުގެ ކޮންޓްރެކްޓް އުވާލައިފި އެވެ.
ސެގާޓް ގައުމީ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. ޓީމާއި ހަވާލުވެ ސެގާޓްގެ އިރުޝާދުގެ ދަށުން އެންމެ ފުރަތަމަ ކުޅުނީ އެކުވެރިކަމުގެ މެޗެކެވެ. ސިންގަޕޫރާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުން ގައުމީ ޓީމު ބަލިވީ 3-2 އިންނެވެ. ވޭތުވެދިޔަ ދޮޅު އަހަރެހާ ދުވަހުގެތެރޭ ސެގާޓްގެ އިރުޝާދުގެ ދަށުން ރާއްޖޭން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ މިދިޔަ އަހަރު އޮތް ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމެވެ.
ސެގާޓަކީ ފަހަކަށް އައިސް ގައުމީ ޓީމާ ހަވާލުވި އެންމެ މައްސަލަ ބޮޑު ކޯޗެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް ގައުމީ ޓީމުން ފުރުސަތު ގެއްލުވާލުމުން އޭނާއާ މެދު އެތައް ބަޔަކު ނުރުހުންވި އެވެ.
މުސްތަގުބަލަށް ބިނާކުރާ ޓީމަށް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ އެހީ ބޭނުންވާ ކަމަށް ބުނުމަށްފަހު ސެގާޓުގެ ރަސްމީ ފުރަތަމަ މެޗުގައި، އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ދަގަނޑޭ ޕްރެސް ކޮންފަރެންސަށް ހާޒިރުނުވި ކަމަށް ބުނެ އޭނާ ޓީމުން ވަކިކުރިއެވެ. އަދި ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އަށް ދާއިމީ ކެޕްޓަންކަން ދޭނެ ކަމަށް ބުނެ ފަހު ވަގުތު އަޑުބަރޭ އަށް ބޭންޑް ނުދޭން ސެގާޓް ނިންމުމުން އެކަމާ ހިތްހަމަނުޖެހި އަޑުބަރޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއެވެ.
މިދިޔަ އަހަރު ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓް ހޯދުމުން ވެސް ދަގަނޑޭ އަށް ޓީމުން ފުރުޞަތެއް ނުދިނެވެ. ނަމަވެސް ސަޕޯޓަރުންގެޕްރެޝަރާއި ހެދި އެންމެ ފަހުން މަޖުބޫރުން ޓީމްގައި ހިމެނިއެވެ.
ދަގަނޑޭއާ މެދު އަމަލުކުރި ގޮތުން ސެގާޓަށް ރާއްޖޭގެ ކޯޗުންނާއި ސަޕޯޓަރުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވިއެވެ. އަދި ސަޕޯޓަރުން ދިޔައީ ސެގާޓްގެ އިސްތިޢުފާ އަށް ގޮވަމުންނެވެ.
ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި މިއަދު ގޭމްސް ބާއްވާ ނޭޕާލް އަތުން 2-1 އިން ބަލިވެ ރާއްޖެ ފައިނަލަށް ނުހޮވި ރަންމެޑައްޔަށް އުއްމީދުކޮށްގެން ދިޔަ ޓީމްވަނީ ކަޓާފައެވެ.
ލީގު ބުރުގައި ހަތަރު މެޗު ކުޅުނުއިރު ސްރީ ލަންކާ އާއި ބަންގްލަދޭޝްއާ އެއްވަރުވީ އެވެ. އަދި ބޫޓާނާއި ނޭޕާލް އަތުން ބަލިވީ އެވެ. ނޭޕާލާ ދެކޮޅަށް ލީގު ބުރުގެ ފަހު މެޗުގައި މިއަދު ނުކުތްއިރު، ފައިނަލަށް ދިއުމަށް ރާއްޖެ އަށް އޮތީ އަމިއްލަ ބާރު ގެއްލިފަ ކަމުގައި ވީނަމަވެސް ބޮޑު ތަފާތަކުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުޞަތު އޮތެވެ. ނަމަވެސް މުބާރާތް ނިއްމާލަންޖެހުނީ ދެ ޕޮއިންޓާއި އެކު އެންމެ ފުލުގައި އޮވެގެންނެވެ.