މިދިޔަމަހު 26ވަނަދުވަހުގެ ރޭގަނޑު ވަގުތެއްގައިގޭންގަކުން ރޭޕްކޮށް، ދިރިހުއްޓައި އަންދާލި ޕްރިޔަންކާ ރެއްޑީގެ 4 ގާތިލުންނާއި ފުލުހުންނާއި ހިނގި ކުރިމަތި ލުމެއްގައި ފުލުހުން އެ ހަތަރު ގާތިލުން ގަޔަށް ބަޑިޖަހައި މަރާލައިފި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ރޭ ދަންވަރު 3ޖަހާ ކަންހާއިރު ފުލުހުން މި ހަތަރު މީހުން ގޮވައިގެން ކުށުގެ ވެށްޓަށް ދިޔައީ މިހާދިިސާ ރީކޮންސްޓްރަކްޓް ކުރުމަށެވެ.
ހައިދްރާބާދް ފުލުހުން ވިދާޅުވީ، މި ހަތަރު ގާތިލުން ގޮވައިގެން ކުށުގެ ވެށްޓަށް ދިޔުމުން އެތަނުން އެކަކު ފުލުހެއްގެ ބަޑި ފޭރިގަނެ ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރުމުން އެވަގުތު ދެންތިބި ފުލުހުން ދިފާއުގައި މި ހަތަރުމީހުންގަޔަށް ބަޑިޖަހައި މަރާލީކަމަށެވެ. މިހާދިސާގައި ފުލުހަކަށް އެކިވަރުގެ އަނިޔާވެފައި ވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
ރޭދަންވަރު ހިނގި މިހާދިސާގެ ހަބަރު ލިބުމާއެކު ޕްރިޔަންކާގެ ބައްޕަ މީޑިއާއާ ވާހަކަދައްކަމުން ބުނެފައިވަނީ އެހަތަރު މީހުން މަރުވުމުން މިއަދު އޭނަ ވަރަށް އުފާވާކަމަށާއި މިހާރު އެދެވުނީ އެމީހުންނަށް ހައްގު އަދަބު ކަމަށެވެ. “މިއަދު އަހަރެންގެ ދަރިފުޅަށް އިންސާފް ލިބިއްޖެ. ޕްރިޔަންކާ އަށް މިހާރު ހަމަޖެހުމެއް ލިބިދާނެ” ޕްރިޔަންކާގެ ބައްޕަ ބުންޏެވެ.
މިދިޔަ ހުކުރުދުވަހުގެ ރޭ ޕްރިޔަންކާ ޑިއުޓީ ނިންމާލުމަށްފަހު ރޭގަނޑު 9 އެއްޖަހާކަން ހާއިރު ގެއަށް ދިޔަމަގުމަތީ ސައިކަލް ޕާކް ކުރުމަށްފަހު ކައިރި ފިހާރައަކަށް ވަދެ ނިކުތުމަށްފަހު ބަލާލިއިރު އޭނަގެ ސައިކަލްގެ ޓައިރު ވަނީ ފަޅައިގެން ގޮސްފައެވެ. އަދި އެވަގުތު އެތަނަށް އައި4 ފިރިހެނަކު ޓަޔަރު ރަނގަޅުކޮށްދޭނެ ކަމަށްބުނެ ޕްރިޔަންކާ ވަށާލައި އޭނަ ވަގަށް ނެގުމަށްފަހު ރޭޕްކޮށް ދުރުހިސާބަކަށް ގެންގޮސް ދިރިހުއްޓާ އަންދާލިއެވެ. ފުލުހުން ތުހުމަތު ކުރާގޮތުގައި ސައިކަލް ހަންފަޅާލީވެސް މި ހަތަރު މީހުންގެ ރޭވުމަކުންނެވެ.
ޕްރިޔަންކާގެ އަންދާލާފައިވާ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ހުކުރުދުވަހު ހެނދުނު 6 ޖަހާކަންހާއިރު ގެރިކިރު ވިއްކާ މީހަކަށެވެ. އޭނާގެ އަނދާފައިވާ ހަށިގަނޑު އައިލާއަށް ކަށަވަރު ކުރެވުނީ ކަރުގައި އަޅާފައި ވާ ފަށުންކަމަށް ފުލުހުން ބުނެއެވެ.