English Edition
Dhivehi Edition

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން، އައްޑޫ ސިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ މިއަދު ނައްތާލާފައިވަނީ 2016 އިން މި އަހަރުގެ މިހާތަނަށް އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 53 ފުޅި ބަނގުރަލާއި ހަމެއްގައި ހުރި ބަނގުރާ ކަމަށެވެ. އެތަކެއްޗަކީ ގަން އިންޓަރނޭޝަން އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލާއި އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ބަނގުރަލާއި މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި މަސްތުވާތަކެތީގެ ތެރެއިން، އެ މައްސަލައެއް ތަހުގީގު ކުރުމަށް ޤާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު، ބާކީ ހުންނަ ބަނގުރަލާއި މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ބަނގުރާ ނައްތާލުން އައްޑޫ ސިޓީ ގަމުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.