English Edition
Dhivehi Edition
އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު - ފޮޓޯ: އޭޖީ އޮފީސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް އެޓަރނީ ޖެނެރަލްގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

އޭޖީ އޮފީހުން މިއަދު ބުނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އެ ޤާނޫނު ތަންފީޛުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށާއި، އެ ޤާނޫނުގައި އިތުރަށް ބަޔާންކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށާއި، އެނޫނަސް އެ ޤާނޫނުގައި ފުރިހަމަކުރުމަށް ހުރި މުހިންމު ކަންކަން ފުރިހަމަކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.

ނަމަވެސް މި ބިލަށް ގެންނަ އިޞްލާޙުތަކާއި ގުޅޭ އެއްވެސް ތަފްޞީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ރާއްޖޭގައި ޖިނާއީ ކުށްކުށް ތަޙްޤީޤުކުރުމާއި، ޖިނާއީ ކުށްކުށުގެ ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ތަޙްޤީޤުތައް ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމާއި، އެފަދަ ތަޙްޤީޤުތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުމާއި، ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ބާރުއެޅުމާއި، އެފަދަ ދަޢުވާތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތައް ވީހާވެސް އިންޞާފުވެރިކޮށް، އަދި އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށްޓަކައި ބޭނުންވާ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަސްދީޤު ކުރި ފަހުން އެ ޤާނޫނަށް ގެންނަ ދެވަނަ އިޞްލާޙެ.