English Edition
Dhivehi Edition

ލިޔުނީ: ޔުމްނާ ސާބިޤް / ހުޅުދޫ ސްކޫލް

މިއަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުދޫ ސްކޫކުގައި ކުރިއަށް ގެންދާ ހަރާކާތްތަކުގެ ތެރެއިން ޚާއްޞަ ބަހުސެއް މާދަމާ އޮންނާނެއެވެ.

ދުވަހުގެ ހަރަކާތްތައް އިންތިޒާމްކުރާ، އެސްކޫލުގެ ދިވެހި ކުލަބުން މައުލޫމާތު ދިން ގޮތުގައި މި ބަހުސްގައި ވާދަކުރާނީ މުދައްރިސުންގެ ޓީމަކާއި، ބެލެނިވެރިންގެ ޓީމެކެވެ. ބަހުސްގެ މަޢުޟޫއަކީ “ދަރިވަރުންގެ ކިޔެވުން ކާމިޔާބު ކުރުމަށްޓަކައި ކިޔަވައިދިނުމަށް ބޮޑަށް ރަނގަޅީ ދިވެހި ބަހުން” އެވެ. މި ބަހުސްގައި ބައިވެރިވާ ދެޓީމްވެސް މިހާރުވަނީ ފައިނަލް ކޮށްފައެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ހުޅުދޫ ސްކޫލުގައި ފަށައިފައިވަނީ ބުރާސްފަތި ދުވަހުއެވެ. ބަހުގެ ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ ދިވެހިބަހާއި އަދަބިއްޔާތަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި ޖެއްސުމެވެ.

މި ހަރަކާތްތައް ފެށުމަށް ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ޚާއްސަ އެސެމްބްލީގައި ދަރިވަރުންވަނީ ވާހަކަ ދެއްކުމާއި، ޅެމާއި ރައިވަރު ކިޔުމުގެ އިތުރުން ބަނދި ކިޔައިފައެވެ.

އޭގެ އިތުރަށް ގްރޭޑް 6 އާއި 7 ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ބޭއްވި ބަނދި ހެދުމުގެ މުބާރާތެއްވެސް އޮތެވެ. ބަނދި ހެދުމުގެ މުބާރާތުން 1 ވަނައަށް ގޮސްފައިވަނީ ގްރޭޑް 6 ގެ ދަރިވަރު ފާތިމަތު އާލާ ޖަމްޝީދު ޢަލީއެވެ. ދެވަނައަށް ދިޔައީވެސް ގްރޭޑް 6 ގެ ދަރިވަރެކެވެ. އެއީ އާމިނަތު މިޝްކާ ނަޒީރެވެ. ތިންވަނަ ހޯދައިފައިވަނީ ގްރޭޑް 7 ގެ ދަރިވަރު ޝަޖަން އިސްމާއީލެވެ. މީގެ އިތުރަށް މި ދެގްރޭޑުގެ ދަރިވަރުންނަށް ޚާއްސަ ކޮށްގެން ކުއްލި މަޢުޟޫއަށް ވާހަކަ ދެއްކުމާއި ބަހުސްކުރުން ވެސް ބާއްވާފައި ވެއެވެ.

ބަހުގެ ދުވަހުގެ ހަރަކާތްތައް ނިމޭނީ މާދަމާ އެވެ.