English Edition
Dhivehi Edition

13ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ،ސްރީލަންކާ އާއި ބައްދަލުކުރި ފުރަތަމަ މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.

ނޭޕާލުގެ ކަތުމަންޑޫގެ ދަސާރާތު ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރާއްޖޭގެ ޓީމަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ލަންކާގެ ސީނިއާ ޓީމާ ދެކޮޅަށް ރާއްޖޭގެ ސީނިއާ ޓީމު ކުޅުނު މެޗު ނިމުނީ ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ސީނިއަރ ތިން ކުޅުންތެރިންގެ ގޮތުގައި ހިމެނެނީ އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. މިތިންކުޅުންތެރިންނަށް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

މިއަދުގެ މެޗަށް ނެރުނު ރާއްޖޭގެ ފުރަތަމަ އެގާރާގައިތިބީ އާންމު ގޮތެއްގައި ފަހަކަށް އައިސް ސީނިއާ ޓީމުގެ ގިނަ މެޗުތަކުގައި ކުޅުނު ކުޅުންތެރިންނެވެ.

މިއަދުގެ މެޗްގައި ރާއްޖެ ޓީމަށްވަނީ ގޯލުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ދެހާފުގައި ވެސް ލިބިފައެވެ. ހަމްޕުއާއި ފޭދޫ އިއްބެއަށް ގޯލުޖަހާނެ ގިނަފުރުޞަތު ލިބުނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ފޭދޫ އިއްބެއަށް ދާދު ދިން ބޯޅައެއް ކޮންޓްރޯލް ނުކުރެވުމުން ބޭނުމެއް ނުހިފުނެވެ. އޭގެ ފަހުން ހަމްޕު ފޮނުވާލި ބޯޅަ ދިޔައީ ތިރިން ބޭރަށެވެ. ހަމްޕުގެ ހަމަލާއަށް ފަހު ފޭދޫ އިއްބެ ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ހުރަސް ދަނޑިއަށް ވަނީ އަމާޒުވެފަ އެވެ. އަދި ކޯނަރަކުން އުފެއްދި ހަމަލާއެއްގައި ވެސް ފޭދޫ އިއްބެއަށް ލިބުނު ބޯޅަ ފޮނުވާލުމުން ގޯލަށް އަމާޒެއްނުވި އެވެ.

ލަންކާ އިން ރާއްޖޭގެ ކުޅުންތެރިން ހުއްޓުވަން ގިނަ ފައުލުތަކެއް ކުރަންޖެހުނު މި މެޗުގައި އެ ޓީމުގެ ކުޅުންތެރިޔަކަށް މެޗުގެ 78 ވަނަ މިނިޓްގައި ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

މެޗްގެ ފަހު ދިހަ މިނެޓްގައި 01 ކުޅުންތެރިއަކު މަދުކޮށް ލަންކާ ޓީމް ކުޅުނު އިރުވެސް ރާއްޖެ ޓީމަށް ވަނީ ލަންކާގެ ގޯލް ފޫއަޅުވާނުލެވިފައެވެ. މިއަދު ލަންކާޓީމުން އެއްމެ މޮޅު ކުޅުމެއް ދައްކާދީފައިވަނީ އެޓީމްގެ ގޯލްކީޕަރ ސުޖަން ޕެރޭރާ އެވެ.

މުބާރާތުން އިންޑިއާ ޓީމު ވަކިވުމާއި ގުޅިގެން މުބާރާތް ކުޅެން ހަމަޖެހިފައިވަނީ ލީގް އުޞޫލުން ނެވެ. މި ބަދަލާއެކު މިއަދު ކުޅުނު ފުޓްބޯޅަ އިވެންޓުގެ ފުރަތަމަ މެޗުގައި ބޫޓާނުން ވަނީ 1-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.

ފިރިހެން ފުޓްބޯޅަ އިވެންޓުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން 12:15 ގައި ނޭޕާލާ ބޫޓާން ވާދަކުރާއިރު ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 4:15 ގަ އެވެ.