English Edition
Dhivehi Edition

ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން ސެޕްޓެމްބަރ 2019 އިން ފެށިގެން ފުވައްމުލަކުގައި ހިންގަމުން ދިޔަ “ގަރލްސް ޓު ކޯޑް’ ޕްރޮގްރާމް މިދިޔަ ހުކުރު ދުވަހު ނިންމާލައިފިއެވެ.

ނިންމުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރ އަލްފާޟިލް އަބްދުﷲ ފަލާޙް ޝަރީފެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ހަފްލާގައި ކޯސް ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް ސެޓްފިކެޓް ދިނުން އޮތެވެ. އަދި ކޯހުގެ ބައެއްގެ ގޮތުގައި ދަރިވަރުން ތައްޔާރުކުރި ވެބްސައިޓްތަކުގެ ތެރެއިން އެންމެ މޮޅު 3 ވެބްސައިޓް ފާހަގަކޮށް، ދަރިވަރުންނަށް ހިތްވަރުދީ އިނާމާއި ސެކްޓްފިކެޓް ދެވުނެވެ.

މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދެވުނެވެ. އަދި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ފެށިގެން ނިމުމާއި ހަމައަށް ކުރަންޖެހޭ އެކި އެކި ކަންތައްތަކަށް ދަރިވަރުން އަހުލުވެރި ކުރުމަށާއި އަދި މި ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ތައްޔާރުކުރަންޖެހޭ ވެބް ސައިޓް ތައްޔާރުކުރުމަށް އެހީތެރިވުމަށް ވިމެން އިން ޓެކްގެ ފަރާތުން މިޑް ރިވިއު ވޯކްޝޮޕެއް ކުރިއަށްގެންދެވުނެވެ. ފުވައްމުލަކު ސިޓީގެ އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް އެންޑް ޓެކްނޮލޮޖީގައި ހިންގުނު މި ޕްރޮގްރާމު ޖުމްލަ 16 ދަރިވަރުން ފުރިހަމަ ކުރިއެވެ. މި ޕްރޮގްރާމްގެ ބައިވެރިވީ 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިންގ އަށް މުޅިން އައު ކުދިންނެވެ.

 

ބައިވެރިވި ދަރިވަރުންގެ ފަރާތުން އާމިނަތު ރުވާއު މި ހަފްލާގައި ވާހަކަ ދެއްކިއެވެ. މިޕްރޮގާމުން ވަރަށް ގިނަ މަޢުލޫމާތު ލިބިއްޖެކަމަށާއި ކޯޑިންގ އާއި ޕްރޮގްރާމިންގ އަކީ އަންހެން ކުދިންނަށް ކުރަން ރަނގަޅު ކަމެއްކަމަށް އާމިނަތު ރުވާއު ބުނެފައިވެއެވެ. އަދި މިފަދަ ޕްރޮގްރާމެއް އަންހެން ކުދިންނަށް ހާއްސަކޮށްގެން ފުވައްމުލަކުގައި ހިންގީތީ ދިރާގަށާއި ވިމެން އިން ޓެކް އަށް ޝުކުރު އަދާކުރިއެވެ.

 

ވިމެން އިން ޓެކް މޯލްޑިވްސް އިން މަޢުލޫމާތު ދިންގޮތުގައި ދަރިވަރުން ތައްޔާރުކޮށްފައިވާ ވެބްސައިޓްތަކުގެ ފެންވަރު ވަރަށް ރަނގަޅުކަން ފާހަގަކުރިއެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންގެ ހުނަރާއި އެކުދިން ކޯޑިންގ އަށް ހުރި ޝައުގު ހާމަވެގެން ހިނގައްޖެކަމަށް ވެސް މަޢުލޫމާތު ދިނެވެ. ދިރާގު ގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި ޓެކްނޮލިޖީ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވާ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގު ވެރިކަން އިތުރު ކުރުމަކީ ދިރާގު ގެ ސީއެސްއާރު ޕްރޮގްރާމްގައި އިތުރު ޚާއްޞަ އަހައްމިޔަތުކަމެއް ދޭ ދާއިރާއެކެވެ.

އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްޤީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކޮށް މި ދާއިރާއަށް އަންހެން ކުދިން ތަޢާރަފު ކުރުން މުހިއްމު ކަމުގައި ދިރާގުން ބެނެފައިވެއެވެ.

މިޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހު، ސީރީސްގެ އެހެން ޕްރޮގްރާމްތައް ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދު ތަކުގައިވެސް ހިންގުމަށް ދިރާގާއި ވިމެން އިން ޓެކް އިން ގަސްތުކުރާ ކަމަށް އެދެފަރާތުން ވިދާޅުވެފައިވެއެވެ.