ދެ މެޖިސްޓްރޭޓެއް ކޯޓެއްގެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީ އިން އެގޮތަށް ނިންމާފައި ވަނީ ރޭ ބޭއްވި އެ ކޮމިޝަންގެ 87 ވަނަ ޖަލްސާގަ އެވެ.
ޖޭއެސްސި އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢައިނާނު ޢަލީ މުޙައްމަދު އާއި ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަދުނާނު ޙުސައިން ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޖޭއެސްސީ އިން ބުނީ މެޖިސްޓްރޭޓް ޢައިނާނު ޢަލީ މުޙައްމަދު އާއި މެޖިސްޓްރޭޓް ޢަދުނާނު ޙުސައިން، ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެވަޑައިގެންފައިވާ ކަމަށާއި ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އޭނާ ކުރައްވާފައިވާ ކަމަށް ކޮމިޝަނަށް އިއްތިފާގުވެވޭ ކަމަށެވެ. އަދި މި ދެ މެޖިސްޓްރޭޓުން ފަނޑިޔާރުކަމުން ވަކިކުރަން ނިންމީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަންތައްތަކަކީ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ށ. ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރު ކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށް ތަޙުޤީޤު ކޮމިޓީ އަށް ޤަބޫލުކުރެވޭތީކަމަށް ޖޭއެސްސީ އިންވަނީ ބުނެފައެވެ.
މީގެ އިތުރުން، މެޖިސްޓްރޭޓް ޢައިނާނާމެދު ބެލެވުނު ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ފެންނަ ކަމަށާއި، އޭނާގެ މައްޗަށް ހުށަހެޅި ސާބިތުވެފައިވާ މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނަކޮށް، މެޖިސްޓްރޭޓް ޢައިނާނު ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަންޖެހޭ ކަމަށް ފެންނަ ކަމަށް ބުނެ، އޭނާ 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރުމަށް ވެސް ޖޭއެސްސީ އިން ވަނީ ނިންމައިފަ އެވެ.
ޖޭއެސްސީ ވަނީ ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަހްމަދު ހައިލަމްވެސް ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމައިފަ އެވެ.