English Edition
Dhivehi Edition

ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުން އިންޑިއާ ވަކިވުމާ އެކު، ލީގް އުޞޫލުން މުބާރާތް ކުރިއަށް ގެންދިއުމަށް ނިއްމުމާއި ގުޅިގެން ރާއްޖޭން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުބާރާތުގެ ގުރުނެގުމަށް ފަހު ފޯމެޓާއި މެޗު ޝެޑިއުލަށް ބަދަލު ގެނައުމަކީ ޖޯކެއް ކަމަށާއި މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ކުރިން ރާވާފައި އޮތީ ދެ ގްރޫޕަށް ބަހާލައިގެން ކުޅެ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ. އެކަމަކު އިންޑިއާ ވަކިވެ ފަސް ޓީމަށް ވުމުން ނިންމީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭ ގޮތަށެވެ.

މިހާރު އޮތްގޮތުން ފުރަތަމަ މެޗުގައި ހޯމަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅެފައި ދެ ވަނަ މެޗުގައި އަންގާރަ ދުވަހު ބައްދަލުކުރާނީ ބަންގްލަދޭޝާ އެވެ. އަދި ތިން ވަނަ މެޗުގައި ބުދަ ދުވަހު ބޫޓާނާ ވާދަކުރުމަށް ފަހު، ހަތަރު ވަނަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ ނޭޕާލާއި ދެކޮޅަށެވެ.

މުބާރާތް ފެށެން ހަތަރު ވަރަކަށް ދުވަހަށް ވެފައި އޮތްވާ މިގެނައި ބަދަލުގެ ސަބަބުން ކޯޗުންނާއި ކުޅުންތެރިން ތިބީ ވަރަށް ހިތްހަމަނުޖެހިފައެވެ. މުބާރާތުގައި އިންޑިއާ ނުކުޅޭތީ ކޮއްމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން އުޅޭ އަޑު އިވިފައިވާ ކަމަށް ޓީމްގެ ކޯޗް ޕީޓާ ސެގާޓް ވަނީ ބުނެފައެވެ. އިންޑިއާ ޓީމް މުބާރާތުން ވަކިވުމުން ރާއްޖެޓީމަށް އޮޓޮމެޓިކުން ސެމީއަށް ދިއުމަށް އޮތް ފުރުޞަތު މިހާރު މިވަނީ ގެއްލިފައެވެ. އަދި ޖެހިޖެހިގެން މެޗްތައް ކުޅެން އޮތުމުން އަރާމް ކުރާނެ ވަގުތު ނުލިބި ކުޅެން ޖެހުމަކީވެސް ވާނެ ކަމެއް ނޫންކަމަށް ކޯޗާއި ކުޅުންތެރިންވަނީ ބުނެފައެވެ.

އާ ޝެޑިއުލްގެ ދަށުން ކޮންމެ ޓީމަކަށް ކޮންމެ މެޗަކަށް ފަހު އަނެއް މެޗުގެ ކުރިން އަރާމުކުރަން ލިބެނީ 24 ގަޑިއިރަށް ވުރެ މަދުންކަން ފާހަގަކޮށް ޖަވާޒް ވިދާޅުވީ މިކަމުގައި ރާއްޖޭން ހެދި ދެކޮޅު ހެދުންތަކަށް، ނޭޕާލުގެ އޮލިމްޕިކް ކޮމިޓީން ވެސް އަދި ނޭޕާލުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް އެދެވޭ ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

ސާފްގޭމްސްއިން ރާއްޖެއަށް ރަންމެޑަލް މިހާތަންށް ލިބިފައި ނުވާތީ،މިފަހަރު ރާއްޖޭން މުބާރާތަށް ދިޔައީ ރަން މެޑަލް ހޯދުމުގެ އަމާޒުގަ އެވެ. މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.