13 ވަނަ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމު ކުޅުނު ދެ މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފިއެވެ.
މިއަދު ލަންކާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ގިނަ މިސްޓޭކް ތަކެއް ފެނިގެން ދިޔަ ނަމަވެސް ދެވަނަ ސެޓްގައި ހިތްވަރުކޮށް ކުޅުންތެރިން، ކުޅުން ރަނގަޅު ކުރިއެވެ. ނަމަވެސް ސެޓް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ތިންވަނަ ސެޓުންވެސް ގިނަ ނުބައިތައް ހެދި ސެޓް ގެއްލުނެވެ. ލަންކާ މިއަދު މެޗް ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ސެޓް 18-25،ދެވަނަ ސެޓް 23-25 އަދި 17-25 އިންނެވެ.
މި މުބާރާތުން ރާއްޖޭ ކަޓައިގެން ދިޔައީ ކުޅުނު ދެމެޗުންވެސް ސިދާ ތިންސެޓުން ބަލިވެގެންނެވެ. ބުރާސްފަތި ދުވަހު ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޕާކިސްތާނާއިއެވެ.
މިޓީމުގެ ކޯޗަކީ ސާބިއާގެ މިލޮރަޑް ކިޔާޗްއެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ގްރޫޕް “ބީ” ގައި ސްރީލަންކާ އަދި ޕާކިސްތާނާއި އެކުގައެވެ. ގްރޫޕް “އޭ” ގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ނޭޕާލްގެ އިތުރުން އިންޑިއާ އަދި ބަންގްލަދޭޝް އެވެ.