English Edition
Dhivehi Edition

ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ރަމަޟާން މަހުގެ މުނާސަބަތުގައި ހާއްސަ އިނާޔަތެއް ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ނިންމަވައިފިއެވެ. މި ނިންމެވުމާއެކު މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރު ރަމަޟާން މަހު ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ ހިއްސާވާ ކުންފުނިތަކުގެ ފައިދާއިން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް 600 ރުފިޔާގެ ތަކެތި އިނާޔަތެއްގެ ގޮތުގައި ދިނުމަށްވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން ވަނީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ތަކެތި ބަހާފައިވެއެވެ. ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއަކީ ފުލުހުންނައި ފުލުހުންގެ މަޤާމުތަކުގައި އުޅުމަށްފަހު ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރާ ފަރާތްތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި އުޅޭ މުވައްޒަފުންނާއި މި އެންމެހާ ފަރާތްތަކުގެ އާއިލާތަކުގެ ވެލްފެއަރ ކަންތައްތައް ރަނގަޅުކުރުމާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމާއި އިޖްތިމާޢީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމުގެ މަޤުޞަދުގައި 2012 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.