ރާއްޖެއިން ވަޒީދާ ދޭނެކަމަށް ބުނެ ބޭންކް އެކައުންޓުން ފައިސާ ފޮނުވުމަށް އެދި މެސެޖުތަކެއް ފޮނުވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން ބުނީ ރަނގަޅު މުސާރައަކާ އެކު، ރާއްޖެއިން ޕާޓް ޓައިމް ވަޒީފާ ދޭނެކަމަށްބުނެ ވަޓްސްއަޕް މެދުވެރިކޮށް ގުޅައި، ބެންކް އެކައުންޓުން ފައިސާ ފޮނުވަންބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެކަންކަން ކުރަމުންދަނީ 13215762192(+) އަދި 1(940)279-2182(+) ނަމްބަރުން ވަޓްސްއަޕުން ގުޅައިގެންކަން ފުލުހުންގެ ތަހުގީގު ތަކަށް މިހާތަނަށް ފާހަގަ ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެގޮތަށް ގުޅައިގެން ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ރާއްޖެއިން ބޭރު މީހުންގެ އަތުންވެސް ފައިސާ ހޯދާފައިވާކަން ފުލުހުންގެ ތަހުގީގު ތަކަށް މިހާތަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ވަނީ އެއްވެސް ބޭފުޅެއްގެ އަތުން އެފަދަގޮތަކަށް، އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ބެލެވޭ ނަމަ އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް އެދިފަ އެވެ.
“މިފަދަ ކަންކަމުން ސަލާމަތްވުމަށް، ގޮތް ނޭނގޭ ފޯން ކޯލްތަކަށް ޖަވާބު ނުދިނުމަށާއި މީހަކު އެދުނު ކަމުގައިވިޔަސް ގޮތް ނޭނގޭ އެކައުންޓް ތަކަށް ފައިސާ ނުފޮނުވުމަށް އިލްތިމާސްކުރަން.”، ފުލުހުން ބުނެއެވެ.