English Edition
Dhivehi Edition

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އަންނަ ޑިސެމްބަރ މަހު އެކެއްގައި ހުޅުވަން ތައްޔާރު ވެއްޖެއެވެ. މާފަރު އެއާޕޯޓް ހުޅުވުމާއެކު ޤައުމީ އެއާލައިން މޯލްޑިވިއަން އިން ރާއްޖޭން ބޭރަށް މާފަރު އެއާޕޯޓުން ދަތުރުތައް ފަށާނެއެވެ. މި އެއާޕޯޓް މެނޭޖުކޮށް ބަލަހައްޓާނީ ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުންނެވެ.

މާފަރު އެއާޕޯޓްގައި އަޅާފައިވަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ އެއާބަސް އޭ 320 އަދި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. ޓާމިނަލްގައި ވަރަށް ހިތްގައިމު ވީއައިޕީ ލައުންޖެއް ވެސް ވަނީ ހިމަނާފައެވެ.

މާފަރު އެއާޕޯޓް އަޅާފައި ވަނީ ޔުނައިޑެޑް އެރެބް އެމެރިރޭޓަސް(ޔޫއޭއީ) ގެ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ. މާފަރު އެއާޕޯޓަކީ ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގާއިމްކުރަން ފެއްޓެވި އެއާޕޯޓެކެވެ. ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވަނީ މި އެއާޕޯޓު ހުޅުވައި ވެސް ދެއްވާފައެވެ.