English Edition
Dhivehi Edition

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) ސެނަހިޔަ ގެ ނަން “ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް” ގެ ނަމަށް މިއަދު ބަދަލުކޮށްފިއެވެ. އެގޮތުން
މިއަދު ހަވީރު މިކަމަށްޓަކައި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް ކުރިމަތީ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެމްއެންޑީއެފް މެޑިކަލް ކޯރޕްސްގެ ދިދަ އިފްތިތާޙް ކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެމްއެންޑީއެފް މެޑިކަލް ކޯރޕްސް އިން ހިންގާ ކޯސްތަކާ ގުޅޭ “ކޮމްބެޓް މެޑިކް މެނުއަލް” ފޮތް ވެސް ނެރެދެއްވާފައެވެ. އެމްއެންޑީއެފް މެޑިކަލް ކޯރޕްސްގެ ފަރާތުން ވަނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ޚާއްޞަ ކޮއިންއެއް އަރުވާފައިވާއިރު މި ކޮއިން، ޗީފް އޮފް ޑިފެންސް ފޯސްއަށް ހަވާލުކޮށްދެއްވީ މެޑިކަލް ކޯރޕްސްގެ ކޮމާންޑިންގ އޮފިސަރ، ކާނަލް ޑރ ޢަލީ ޝާހިދު މުޙައްމަދެވެ.

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ނަމަށް ބަދަލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް އާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.