މަގްބޫލު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ލަވައެއް ކަމަށްވާ “އެކް ޕިޔާރު ކަ ނަގްމާ ހޭ” ލަވަ ކިޔައިގެން މައްޝޫރު ކަންހޯދި ރަނޫ މޭކަޕްކޮށްފައިވާ ފޮޓޯ އަކަށް އެތައްބައެއްގެ މަލާމާތް ރައްދުވެ މީސްމީޑިއާގައި ދައުރުވަމުން އަންނަނިކޮށް އޭނަގެ މޭކަޕްއާޓިސްޓް އެފޮޓޯ އާދެކޮޅަށް ތެދުވެއްޖެއެވެ.
ރަނޫގެ މޭކަޕް އާޓިސްޓް ސަންދްޔާ ވަނީ އަސްލު ފޮޓޯއާއެކު ފޭކް ފޮޓޯ އޭނަގެ އިންސްޓަގްރާމްގައި ހިއްސާކޮށް ހަގީގަތް ހާމަކޮށްފައެވެ. ސަންދްޔާ އެފޮޓޯ ހިއްސާކޮށް ލިޔެފައިވަނީ މިކަހަލަ ފޮޓޯތައް ފެނުނީމަ އޭނަވެސް ހިނިއަންނަ ކަމަށާއި ނަމަވެސް މީހަކު ކޮށްފައިވާ ބުރަމަސައްކަތަށް އޮޅުންއަރާގޮތަށް ބަސްބުނުން އެއީ އެހާރަނގަޅުކަމެއް ނޫންކަމަށެވެ.
ގިނަމީހުންގެ ލޯބި ކުޑަވަގުތު ކޮޅަކުން ހޯދި ރަނޫ އަށް ދާދި ފަހުން ވެސް ސޯޝަލް މީޑިއާގައި ވަނީ މަލާމާތްކޮށްފައެވެ. އެއީ އޭނާ އާއި އެކު ސެލްފީއެއް ނަގަން އެދުނު އަންހެނަކާއި ދެކޮޅު ހަދާ މަންޒަރު ފެންނަ ވީޑީއޯ އެއް މީސް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. މިހާދިސާ ހިނގިތާ މާގިނަދުވަސްތަކެއް ނުވެ ރަނޫ އަށް މަލާމާތް ރައްދުވާން ފެށީ މާނުގުޅޭ މޭކަޕެއް ކޮށްގެން ހުރި އެފޮޓޯތައް ދައުރުވާން ފެށުމުންނެވެ.
އުމުރުން 59 އަހަރުގެ ރަނޫ ގެ ފިރިމީހާ މަރުވުމުން އޭނަ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން އައީ ރެއިލްވޭ ސްޓޭޝަނެއްގައެވެ. އޭނަބުނެފައިވަނީ ސްޓޭޝަންގައި މަޑުކުރާ ބައެއްމީހުންނަށް ލަވަކިޔައިދީގެންވެސް އޭނަ އާމްދަނީ ހޯދާކަމަށެވެ.
ރަނޫ އަށް ލިބިފައިވާ ރީތި އަޑުގެ ސަބަބުން މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޑިރެކްޓަރ ހިމޭޝް ވެސް ވަނީ އާޝޯހު ވެފައެވެ. އަދި އޭނާ ވަނީ ފިލްމަކަށް ލަވައެއްވެސް ރަނޫ ލައްވާ ކިޔުއްވާފައެވެ.