English Edition
Dhivehi Edition

ދީނީގޮތުން ހައްދުފަހަނަޅާފައިވާ ޖަމިއްޔާ ޖަމާޢަތްތަކާމެދު ފިޔަވަޅު އެޅުމަށް އައްޑޫ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.

 

ރާއްޖޭގައި ދީނީގޮތުން ހައްދުފަހަނަޅާފައިވާ ޖަމާޢައްތަކުން ހިންގާ ޢަމަލުތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ޤަރާރުގައި ބުނެފައި ވަނީ އެފަދަ ޖަމިއްޔާ ޖަމާޢަތްތަކުން ރާއްޖޭގައި މީހުން މެރުމާއި މީހުން ގެއްލުވާލުން ފަދަ ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމާއި އަދި ރާއްޖެއިން ބޭރުގައި ހިންގާ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

“ފަހަކަށް އައިސް ރާއްޖޭގައި ހިންގި އެންމެ ނުރައްކާތެރި، އެންމެ ރަހުމުކުޑަ އަދި އެންމެ ބިރުވެރި ޓެރަރިޒަމްގެ ޢަމަލަކީ ދީނީ ޢިލްމުވެރިޔާ ޑޮކްޓަރ އަފްރާޝީމް ޢަލީ ޝަހީދުކޮށްލުން ކަމަށް “މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤުކުރާ ކޮމިޝަން” އިން 07 ނޮވެމްބަރު 2019 ގައި ނެރުއްވި ރިޕޯޓުގައި ވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ފެންވަރުގައި އޮޕަރޭޓްކުރާ ޓެރަރިސްޓް ޖަމާޢަތްތަކާއި އެ ޖަމާޢަތްތަކުގެ ގޮފިތަކާއި، އޭޖެންޓުން ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުން ދެއެވެ. މިފަދަ ޖަމާޢަތްތަކުގެ މީހުން ދިވެހިރާއްޖޭގައި ހަރަކާތްތެރިވެ މިފަދަ ނޭއްގާނީ އަމަލުތައް ހިންގަމުން ދިއުމަކީ ޤައުމުގެ ހާލަތު ނުބައި ފައްތަރަކަށް ވެއްޓިދާނެ ކަމުގެ ބިރުއޮތް ކަމެއްކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ. އަދި މިފަދަ ޖަމާޢަތްތަކަށް ވާގިވެރިވާ ފަރާތްތަކުން ނޫސްވެރިން ކަމުގައިވާ އަޙްމަދު ރިޟްވާން ޢަބްދުﷲ އާއި ޔާމީން ރަޝީދު ވެސް ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ ކަމަށް ތަޙްޤީޤުތަކުން އެނގެއެވެ.”، އެ ޤަރާރުގައި ވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އެފަދަ އިންސާނިއްޔަތާއި ޚިލާފު ޢަމަލު ހިންގާ ޖަމާޢަތްތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރުދުންނަށް ރާއްޖޭގައި ހަރަކާތްތެރިވުމުގެ ފުރުސަތު ބަންދުކޮށް، އެފަދަ ފަރާތްތަކަށް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ދެވެން އޮތް އަދަބު ދިނުމަށް ގޮވާލައިފަ އެވެ.

މީގެ އިތުރުން، އެފަދަ ހަރަކާތްތަކާއި އެކަންކަމަށް ހިތްވަރު ލިބޭގޮތަށް މަސައްކަތްކުރާ އެންމެހާ ފަރާތްތައް ހުއްޓުވުމަށް އެޅެންއޮތް ފިޔަވަޅުތައް އެޅުމަށްވެސް ކައުންސިލުން ވަނީ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވައިފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން މި ޤަރާރު ނެރުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކައުންސިލަށް ފާޑުކިޔަމުންނެވެ. އެގޮތުން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ގޮވާލައި ރާއްޖޭގެ ގިނަ ކައުންސިލްތަކުން ނޫސްބަޔާން ނެރުނު އިރުވެސް، އައްޑޫ ކައުންސިލުން އެމައްސަލައިގައި ބަޔާނެއް ނެރެފައި ނުވާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކޮށް، މި ޤަރާރަކީ “ހައްދުފަހަނަޅާފައިވާ ކައުންސިލަކުން ނެރެފައިވާ ބޭޤަރާރެއް” ކަމަށް ބުނަމުންނެވެ.