English Edition
Dhivehi Edition

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އަށް ހާޒިރު ކުރުމަށް އެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މިއަދު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އެއް މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުން ވަނީ ބިޝާމް ހާޒިރުކުރުމަށް ތާއީދު ކޮށްފައެވެ.

މިއީ މި ސަރުކާރުން ޕީޖީ ބިޝާމް ގެ އިތުބާރު ނެތް މައްސަލަ ބަލަން ނިންމި ދެވަނަ ފަހަރެވެ. އެގޮތުން ބިޝާމް ވަކިކުރުމަށް އޮކްޓޯބަރ 16 ވަނަ ދުވަހުވެސް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކުރި އެވެ. ނަމަވެސް އޭރު އެ ނިންމުން ވަނީ ކާމިޔާބު ވާގޮތެއް ނުވެފައެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ޖަލްސާގައި ޕީޖީ ބިޝާމް މަގާމުން ވަކިކުރުމަށް ހުށަހެޅީ މަތިވެރި ދާއިރާ މެމްބަރު ހުސައިން ޒަރީރެވެ. އަދި އެ ހުށަހެޅުމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވަނީ ތާއީދު ކުރައްވާފައި އެވެ.

ޕީޖީ ބިޝާމް ވަކިކުރުމަށް މެންބަރުން ގޮވާލަމުން ދަނީ ކުރީގެ ރައީސް އަބްދުއް ﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގައި އެކަމަނާ އޭރުގެ އިދިކޮޅު ބައެއް ފަރާތްތަކަށް ދައުވާ ކުރުމުންނެވެ. އެމީހުން ބުނަނީ އޭރު ބިޝާމް ކުރެއްވީ ސިޔާސީ ދައުވާ ތަކެއް ކަމަށެވެ.

ޕީޖީ މަގާމުން ވަކިކުރެވޭނީ މަޖިލީހުން ނަގާ ވޯޓަކުންނެވެ.