English Edition
Dhivehi Edition
ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ޑައިވިންގ އަށް ގޮސް އުޅުމުގައި ޑީކޯވާ ފަރާތްތަކަށް އަވަސް ފަރުވާ ދެވޭނެ އެއްވެސް ވަސީލަތެއް ނެތުމުން، އެކަން ސަރުކާރުގެ ސަމާލުމަކަށް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. އަދި އެ މައްސަލައަށް ބަހުސްކުރުމަށް ފާސްވީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެމްބަރުންގެ އިއްތިފާގުންނެވެ.

ޖާބިރު ހުށަހެޅުއްވީ ކުއްލި މައްސަލައިގައި ބުނެފައި ވަނީ ގިނަ ދިވަހި ރައްޔިތުންނަކީ މިހާރުވެސް މަސްވެރިކަން ކުރާ މީހުން ކަމަށާއި، އެރައްޔިތުންނަށް އާމްދަނީއާއި ގުޅިފައިވާ މަސްވެރިކަމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ މަސްދޯނި ފަހަރަށް ބޭނުންވާ މިންވަރާއި ގާތަށްވެސް ރާއްޖެއިން އެން ނުލިބޭތީ، ޑައިވް ކޮށްގެން އެން ހިފުމަށް މަސްވެރިންނަށް މަޖުބޫރުވެފައިވާ ކަމަށެވެ.

އަދި އެގޮތުން އެންހިފުމަށް ޑައިވް ކުރާ ފަރާތްތައް ޑީކޯވުމަކީ މިހާރު އާންމުކޮށް ކުރިމަތިވަމުން އަންނަ، ނުރައްކާތެރި މައްސަލައަކަށް ވާއިރު، ޑީކޯވާ ފަރާތްތަކަށް ދޭންޖެހޭ އަވަސް ފަރުވާ ދެވޭނެ އެއްވެސް ވަސީލަތެއް މަސްވެރި އަތޮޅުތަކުގައި ޤާއިމްވެފައި ނެތުމުގެ ސަބަބުން، ދިވެހި އެތައް މަސްވެރިންގެ ފުރާނަ ގެއްލި، އެތައް ބަޔަކު ނުކުޅެދިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން، މަސްވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ނާޅުއްވައި ތިބުމުގެ ސަބަބުން، އިއްޔެ ޑައިވްކުރި ހުވަދުއަތޮޅުގެ މަސްވެރިއަކަށް ދޭންޖެހޭ ފަރުވާ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުންވެސް ލިބެން ނެތުމުގެ ސަބަބުން އެމީހާގެ ހަށިގަނޑުގެ އެއްފަޅީގެ ވާގި ގޮސްފައިވާތީ، ދިވެހި މަސްވެރިންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހިތްދަތި މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ބޭނުންވާ ކަމަށްވެސް އެ މައްސަލައިގެ ޚުލާސާގައި ބުނެފައި ވެއެވެ.