ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ފިރިހެނުންގެ ދުވަހެވެ.
“އަންހެނުންގެ ދުވަސް” “ކުޑަކުދިންގެ ދުވަސް” ” ދޮށީއުމުރުގެ މީހުންގެ ދުވަސް” ގެ ނަން ނަމުގައި ތަފާތު ދުވަސްތައް ފާހަގަކޮށް ތަފާތު ގިނަ ހަރަކާތްތައް ބާއްވާއިރު ފިރިހެނުންގެ ދުވަހާ ގުޅިގެން މާ ގިނަ ކަންތައްތަކެއް ކުރާ ތަނެއް ފެނިފައެއް ނުވެއެވެ. މިއީ ގިނަ ފިރިހެނުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ.
ފިރިހެނުންގެ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ ޖިންސީ ތަފާތު ކުރުން ނައްތާލައި ފިރިހެނުންނާއި އަދި ފިރިހެން ކުދިންނަކީ ވެސް ޖިންސީ ހަމަހަމަ ކަމުގެ މިންގަނޑުން މިންކުރެވޭ ބަޔަކަށް ހެދުމަށެވެ.
އަންހެނުންގެ ދުވަސް މާޗް މަހުގެ 8 ގައި ފާހަގަ ކުރަނީ މުޖުތަމައަށް އަންހެނުން ކޮށްދޭ ކަންތައްތަކަށް ހިތްވަރުދީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. ހަމަ އެހެންމެ ފިރިހެނުންގެ ދުވަސް ފާހަގަ ކުރަމުން ދަނީ ރޯލް މޮޑެލުންގެ ގޮތުގައި ފާހަގަ ކުރެވޭ ފަދަ މަސައްކަތް ކުރާ މީހުންގެ އަގުވަޒަން ކުރުމަށެވެ.
މިއަހަރުގެ ފިރިހެނުންގެ ދުވަހުގެ ތީމަކީ “މޭކިން ޑިފަރެންސް ފޯރ މެން އެންޑް ބޯއިސް” އެވެ. މި ތީމުގެ މައިގަނޑު މަގްޞަދަކީ ފިރިހެނުންނާއި ފިރިހެން ކުދިންގެ މަސައްކަތް ތަކުގެ އަގު ވަޒަންކޮށް ސިއްހީ ގޮތުންނާއި ނަފްސާނީ ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމަށް އެފަދަ ފަރާތްތަކުން ކުރާ މަސައްކަތް ތަކުގެ އަގު ވަޒަން ކުރުމެވެ.
ފިރިހެނުންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 1992 ގައި ތޯމަސް އޯސްޓަރ ނަމަކަށް ކިޔާމީހެކެވެ. ފިރިހެނުންނަށް ޚާއްޞަކޮށްގެން މިފަދަ ދުވަހެއް ފާހަގަ ކުރަން ފަށާފައިވަނީ ފިރިހެނުންނަށް ކުރިމަތިލާން ޖެހޭ މައްސަލަތަކާ މެދު މީހުން ހޭލުންތެރިކުރުމުގެ މަގްސަދުގައެވެ.