English Edition
Dhivehi Edition

ޝަރުޢީ ޢިލްމް ލިބިފައިވާ ފަނޑިޔާރުން ބޭރުކުރުމަކީ އިސްލާމްދީނާ ދެކޮޅަށް ރޭވިގެން ހިންގޭ ޢަމަލެއް ކަމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

“ބޭނުން ގޮތަކަށް، ބެލުމެއް ނެތި ޑިއު ޕްރޮސެސް ތިޔަ ނަގާލަނީ. ތިޔައީ ކޮން މެންޑޭޓެއް އޮވެގެން ހިންގާ ކަމެއްތޯ؟”. އެ ޓްވީޓްގައި ޖަމީލް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޖަމީލް ވަނީ އެކި ޒާތުގެ ރިޕޯޓް ހަދައިގެން ޢިލްމުވެރިންނަށް ޝިކާރު ކުރުން ހުއްޓާލުމަށްވެސް ސަރުކާރަށް ގޮވާލައްވައިފަ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވިއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓު ނަގާނެ އެވެ. ޖޭއެސްސީ އިން ދެ ފަނޑިޔާރުން ވަކިކުރަން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮށްފަ އެވެ.

މީގެ އިތުރުން، 2012 ވަނަ އަހަރު އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުޤީޤީ ރިޕޯޓުވެސް ސަރުކާރުން އިއްޔެ އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައި ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށްވެސް ތުހުމަތުތަކެއް ކޮށްފައެވެ.