English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެ ސަރުކާރަށް އެއް އަހަރު ވެފައިވާއިރު މި އެއް އަހަރުގެ ތެރޭގައި އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދުމަށް މަސައްކަތްކޮށްފައިވާނެ ކަމަށް ދައުލަތުގެ ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މިހެން ވިދާޅުވެފައި މިވަނީ ޕަބްލިކް ސާވިސް މީޑިއާ(ޕީއެސްއެމް) އަށް ދެއްވި އިންޓަވިއުއެއްގައި އެވެ. ރިއްފަތު ވިދާޅުވީ މި ސަރުކާރު އައުމުގެ ކުރިން ރައްޔިތުންނަށް ވައުދުވީ އިންސާފުވެރި އަދުލުވެރި ފަނޑިޔާރުގެއެއް ހޯދައިދިނުން ކަމަށެވެ. އަދި އެ މަސައްކަތް ވޭތުވެދިޔަ އެއް އަހަރުދުވަހުގެ ތެރޭގައި ކޮށްފައިވާނެ ކަމަށް ރިއްފަތު ވިދާޅުވި އެވެ.

ރިއްފަތު ވިދާޅުވީ ސަރުކާރެއް ވެރިކަމަށް އަންނަނީ މެނިފެސްޓޯއަކާއެކު ވައުދުތަކެއް ވެގެން ކަމަށާއި އަދި އެންމެ މުހިންމު މަސައްކަތަކީ ޝަރުއީދާއިރާ އިސްލާހްކޮށް ރައްޔިތުންގެ އިތުބާރު ނެގެހެއްޓުން ކަމަށް ރިއްފަތު ވިދާޅުވި އެވެ.

ޝަރުޢީ ދާއިރާ އިސްލާހުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ދަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް އިތުރު ފަނޑިޔާރުން ތަކެއްގެ ސުލޫކީ މައްސަލަ ބައްލަވަމުންނެވެ.