English Edition
Dhivehi Edition
އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު - ފޮޓޯ: އޭޖީ އޮފީސް

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރަން ބޭނުންވާ ޚިޔާލު ހުށަހެޅުމަށް ޢާންމުންނަށް ހުޅުވާލައިފި އެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ ޖޭއެސްސީ އަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައި ވާ މުއައްސަސާއެއް ކަން ކަށަވަރު ކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި، ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށެވެ.

ޚިޔާލު ހުށަހެޅުމުގެ މުއްދަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ތައާރަފު ކުރަންޖެހޭ ގާނޫނު އެކުލަވާލުމަށް ބޭނުންވާ މަޝްވަރާއާއި ޚިޔާލު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ އޮފީހުން ކުރިން ވެސް ވަނީ ބުނެފަ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް އިސްލާހު ގެނައުމަށް ޝަރުއީ ދާއިރާ އާއި ކަމާބެހޭ އެ ނޫން ވެސް ފަރާތްތަކާ މަޝްވަރާ ކުރުމަށް ނިންމާފައިވާ އިރު، ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ފެންނަ ކަމަށާއި ކަމާގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށްޓަކައި، އެ ފުރުސަތު އާންމުކޮށް ހުޅުވާލާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެއެވެ.

އެގޮތުން، އެކަމަށްޓަކައި އެކުލަވާލާފައިވާ ފޯމު މެދުވެރިކޮށް ޚިޔާލު ހުށަހެޅޭނެ ކަމަށާއި ޚިޔާލު ހުށަހެޅުމަށް މި ލިންކް ބޭނުން ކުރުމަށް އެޓަރނީ ޖެނެރަލް އޮފީހުން ބުނެއެވެ.

މީގެ އިތުރުން، އީމެއިލްގެ މެދުވެރިކޮށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި އީ-މެއިލް އަށް ޚިޔާލު ހުށަހެޅޭނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.