English Edition
Dhivehi Edition
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވަނީ - ފޮޓޯ: ޓްވިޓާ (ރައީސް މައުމޫން)

ކޯލިޝަން ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި، ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުޙަބާ ދަންނަވައިފި އެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކާމިޔާބުކަމާއެކު ކޯލިޝަންގެ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ރައީސް ސޯލިހަށް މަރުޙަބާ ދަންނަވައިފި އެވެ. އަދި ރައީސް ސޯލިހާއި ކޯލިޝަނަށް މުސްތަޤްބަލުގައިވެސް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އާއި ކާމިޔާބީގެ ގިނަ އަހަރުތަކެއް ލިބުމަށް އެދިވަޑައިގެން، މައުމޫން ވަނީ އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އާއި އެމްއާރުއެމްގެ ހުރިހާ މެމްބަރުންގެ ފަރާތުންވެސް ރައީސް ސޯލިހަށް ތަހުނިޔާ ފޮނުއްވައިފަ އެވެ.

ރައީސް މައުމޫން އަކީ ރައީސް ސޯލިހު ރާއްޖޭގެ ވެރިކަމަށް ގެންނެވުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، އަދާލަތު ޕާޓީ (އޭޕީ)ގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އެވެ.