ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަޙުޤީޤުން އާކަމެއް ހާމަވެފައި ނުވާ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ޑރ. އަފްރާޝީމްގެ މަރުގެ ތަޙްޤީގުން އާ ކަމެއް ހާމައެއް ނުވި. ކުރިންވެސް ބުނަމުން އައި ގޮތަށް ހާމަވީ ބައެއް ސިޔާސީ ބޭފުޅުން ފެތުރި ދޮގު ވާހަކަތަކުގައި ޙަޤީގަތެއް ނެތްކަން. ރައީސް ޔާމީން ބަދުނާމުކުރީ ސިޔާސީ ބޭނުމަށްކަން. ތުހުމަތުކުރެވޭ ފަރާތްތައް މިއަދު ތިބި ހިސާބުން ކަންބޮޑުވޭ pic.twitter.com/vvteFvyfJY
— Mohamed Jameel Ahmed (@MJameelAhmed) November 15, 2019
އެ ޓްވީޓްގައި ޖަމީލް އިތުރަށް ވިދާޅުވެފައި ވަނީ ޑރ. އަފްރާޝީމްގެ މަރުގެ ތަޙުޤީޤުން ހާމަވީ ކުރިންވެސް ބުނަމުން އައި ގޮތަށް ބައެއް ސިޔާސީ ބޭފުޅުން ފެތުރި ދޮގު ވާހަތަކުގައި ޙަޤީޤަތެއް ނެތް ކަމަށެވެ.
“ރައީސް ޔާމީން ބަދުނާމުކުރީ ސިޔާސީ ބޭނުމަށްކަން. ތުހުމަތުކުރެވޭ ފަރާތްތައް މިއަދު ތިބި ހިސާބުން ކަންބޮޑުވޭ”، ޖަމީލް ވިދާޅުވި އެވެ.
ޖަމީލް މިހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަޙުޤީޤު ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނާ ގޮތުގައި އެ ރިޕޯޓު ހިއްސާ ކޮށްފައި ވަނީ ފުލުހުންނާއި ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ރައްޔިތުންގެ މަޖިލީހާއީ، އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްއާ ކަމަށެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުގެ ރޭ ގެއިން ބޭރުގައި އުޅުއްވުމަށްފަހު އެރޭ ދަންވަރު އޭނާ ދިރިއުޅުއްވާ ގެ (ހ. ފުންވިލު) އަށް ވަޑައިގަތް ވަގުތު، އެގޭ ސިޑި ކައިރިން ބަޔަކު އޭނާއަށް ވަޅިން ހަމަލާދީގެންނެވެ.