މަރުވެގެން ކަށިތައް ފީވެ ދިޔަޔަސް ޕީޕީއެމްއަށް ތާއިދު ނުކުރާނެ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝުކުރީ ވިދާޅުވެއްޖެއެވެ. ރޭ ބޮމާ ކެމްޕެއިން ޖަގަހާގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ޝުކުރީ ވަނީ އަދިކޮޅު ފަރާތްތަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ހަފްލާގައި ވާހަކަދައްކަމުން ޝުކުރީ ވިދާޅުވީ މި ފަހަރު އިންތިހާބުގައި އެއްރަށަކުން އެންމެ ގިނަ އެމްޑީޕީ މީހުން ރަޖިސްޓްރީ ވެފައިވަނީ ހުޅުދޫއިން ކަމަށާއި ހުޅުދޫގައި ވޯޓް ހައްގުވާ 1700 އާއި 1800 ދެމެދުގެ އަދަދަކަށް މީހުން ތިބިކަމަށާއި އޭގެ ތެރެއިން 1200 އަށް ވުރެ ގިނަ ވޯޓް ޝުކުރީއަށް ލިބެގެންދާނެކަމުގައެވެ. ރާއްޖޭގެ ތަރައްޤީއަށްވުރެ އަދުލު އިންސާފު ގާއިމްކޮށް ދެމެހެއްޓުން މުހިއްމު ކަމާއި އަދުލު އިންސާފް ނެތް ތަނެއްގައި ތަރައްޤިއެއް ނޯންނާނެ ކަމަށް ޝުކުރީ ވިދާޅުވިއެވެ. ހުޅުދޫ އަކީ ޒަމާނުއްސުރެ އެމްޑީޕީގެ ރަށެއްކަމަށާއި އެމްޑީޕީއަށް ތާއިދުކުރާ ފަރާތްތަކުގެ ވިސްނުމެއް ދުވަހަކުވެސް ބަދަލުނުވާނެ ކަމަށް ޝުކުރީ ވިދާޅުވިއެވެ. އަދި ހުޅުދޫ އިން ފެނިގެންދާ ތަރައްޤީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެނެސްދީފައިވާ ތަރައްޤީކަމަށް ބުނެ ޝުކުރީ ވަނީ އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ. ޝުކުރީ އަކީ އަބަދުވެސް އެމްޑީޕީ އަށް ވަފާތެރިމީހެއް ކަމަށާއި ހޮވުނަސް ނުހޮވުނަސް ދުވަހަކުވެސް އެމްޑީޕީއަށް ހަރާން ކޯރުނުވާނެ ކަމަށް ޝުކުރީ ވިދާޅުވިއެވެ. މީގެ އިތުރުން ޝުކުރީ ވަނީ އެމްޑީޕީ އަކީ ކޮންމެ ކަމެއް ކުރިއަސް ރަގަޅު އަހްލާޤެއް ދައްކަމުން އަންނަ ނަމޫނާ ޕާޓީއެއް ކަމުގައި ވިދާޅުވެ އެ ޕާޓީން ހިންގާ ހަރަކާތްތަކަށް ސާބަސް ދަންނަވާފައެވެ. މިހަފްލާގައި ބައިވެރިވި ގިނަ މީހުން ބުނެފައިވަނީ މިއީ ހިތުން ރުހުމުން އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވަމުންދާ މީހުންކަމުގައި ކަމެވެ. އަދި ސަރުކާރުން ވަޒީފާގެ ބިރު ދައްކައިގެން ޕީޕީއެމްގެ ހަރަކާތްތަކުގައި މީހުން ބައިވެރިކުރަމުން ދިޔަ ނަމަވެސް ހަގީގީ ބޮޑު މަންޒަރު ވޯޓުން ފެނިގެންދާނެކަމުގައެވެ. “އަޅުގަނޑުމެންނާއެކު މިވާ ޓީމަކީ ހިތުން ރުހުމުން މަސައްކަތްކުރާ ޓީމެއް. އެމްޑީޕީއަކުން އެއްވެސް ރައްޔަތަކަށް ބިރެއް ނުދައްކާނެ. މި ސަބަބަށްޓަކައިވެސް ޝުކުރީއަށް ވޯޓްދޭން ލާޒިމް” މި ހަފްލާގައި ބައިވެރިވި ފަރާތަކުން ބުންޏެވެ “މިހާރު ޕީޕީއެމް އިން މި ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓަކީ އެމްޑިޕީއިން ވޯޓް ދީގެން އެމްޑީޕީމީހުން އެ މަގާމަށް ގެނެސްފައިވާ ކައުންސިލަރެއް. އެކަމަކު އެ ކެންޑީޑޭޓް އަޅުގަނޑުމެންނާއި ދެތެރޭ ކަންތައް ކުރިގޮތަށް ދުވަހަކުވެސް ޝުކުރީ ކަންތައް ނުކުރައްވާނެ ކަމުގެ %100 ޔަގީންކަން އެބައޮތް” އޭއޯ ނިއުސް އާއި ވާހަކަ ދައްކަމުން އެމްޑީޕީ ގެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތަކުން ބުންޏެވެ. މިއަދު ހަވީރު 6 ގެ ނިޔަލަށް ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު އޮތް އިރު ހުޅުދޫ ދާއިރާ އަށް ކުރިމަތިލައްވާފައިވާ ދެ ކެންޑިޑޭޓުންވެސް ދަނީ ފޯރިއާއި އެކު ކެމްޕެއިންގެ ހަރަކާތްތައް ނިންމާލުމަށް ތައްޔާރުވަމުންނެވެ.