English Edition
Dhivehi Edition

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވި މައްސަލަ، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

ދެ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީ އިން ފޮނުވި ސިޓީ ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވައިފަ އެވެ. އަދި ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށް ނިންމައިފަ އެވެ.

އިއްޔެ ބޭއްވި ޖޭއެސްސީގެ 80 ވަނަ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ އެ ދެ ފަނޑިޔާރުން ސަސްޕެންޑްކުރުމަށް ވެސް ނިންމައިފަ އެވެ.

އެގޮތުން ޖޭއެސްސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު އާއި ބެހޭގޮތުން އެ ކޮމިޝަނުން ތަޙުޤީޤުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާފަދަ ޢަމަލުތަކެއް އެ ދެ ބޭފުޅުންވެސް ކޮށްފިކަމަށް ތަޙުޤީޤު ކޮމިޓީއަށް ފެންނާތީ، އެ ދެ ބޭފުޅުންގެ މައްޗަށް ތަޙުޤީޤު ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ޤާނޫނު އަސާސީގެ 154 ވަނ ަމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެންނުވާ ފަދަ ޢަމަލުތަކެއް ކަމަށް ވުމުން، ޖޭއެސްސީގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގެ ދަށުން، އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު އާއި ބެހޭގޮތުން އެ ކޮމިޝަނުން ތަޙުޤީޤުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، އެ ބޭފުޅުން ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭކަމަށް ފެންނާތީ، 60 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކުރުމާ ގުޅިގެން ސުޕްރީމް ކޯޓު ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ވަނީ މިހާރު ހަވާލުކޮށްފަ އެވެ.