English Edition
Dhivehi Edition

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑްކޮށް، އެ ދެ ބޭފުޅުންވެސް ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 80 ވަނަ ބައްދަލުވުމުގަ އެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު އާއި ބެހޭގޮތުން އެ ކޮމިޝަނުން ތަޙުޤީޤުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާފަދަ ޢަމަލުތަކެއް އެ ދެ ބޭފުޅުންވެސް ކޮށްފިކަމަށް ތަޙުޤީޤު ކޮމިޓީއަށް ފެންނާތީ، އެ ދެ ބޭފުޅުންގެ މައްޗަށް ތަޙުޤީޤު ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ޤާނޫނު އަސާސީގެ 154 ވަނ މާއްދާގެ (ށ) ގއި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެންނުވާ ފަދަ ޢަމަލުތަކެއް ކަމަށް ވުމުން، ޖޭއެސްސީގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގެ ދަށުން، އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު އާއި ބެހޭގޮތުން އެ ކޮމިޝަނުން ތަޙުޤީޤުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، އެ ބޭފުޅުން ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭކަމަށް ފެންނާތީ، 60 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޖޭއެސްސީ އިން ބުނީ އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަވެސް ތަޙުޤީޤު ކުރަމުންދާ ކަމަށާއި، އެ ދެ ފަނޑިޔާރުންގެ މައްސަލައިގައި ތަޙުޤީޤު ރިޕޯޓް އެކުލަވާލެވި އެ ރިޕޯޓަށް ޖަވާބު ދިނުމަށް މިހާރު އަންގާފައިވާ ކަމަށެވެ.